ތެލަސީމިއާ ސްކްރީނިންގ ނަތީޖާއަށް ޑިޖިޓަލް ބަދަލެއް: ޕްރިންޓް ކާޑު ދޫކުރުން ހުއްޓާލައިފި
ރާއްޖޭގައި ތެލަސީމިއާ ކެރިއަރުން ދެނެގަތުމަށް ހަދާ ޓެސްޓުތަކުގެ ނަތީޖާ ދޫކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި، ޒަމާނީ ޑިޖިޓަލް ކާޑެއް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއާއެކު ކުރިން ދޫކުރަމުން އައި ކަރުދާސް ކާޑުތައް ދޫކުރުން މިހާރު ވަނީ އަމަލީގޮތުން ހުއްޓާލާފައެވެ.
މި ޚިދުމަތް ޑިޖިޓަލްކުރުމަކީ ރާއްޖޭގައި ސިއްހީ ނިޒާމު ހަރުދަނާކޮށް، ލޭގެ ބަލިތަކަށް ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެކެވެ.
އަލަށް ތަޢާރަފުކުރި ޑިޖިޓަލް ކާޑުގައި ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ހަތް ބާވަތެއްގެ ސިފަ (ޓްރެއިޓް) ހިމަނާފައިވެއެވެ. އަދި ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިޔުއާރް ކޯޑެއްވެސް ހިމެނެއެވެ.
Ads by BMLމި ކިޔުއާރް ކޯޑު މެދުވެރިކޮށް، އާއިލާ ރޭވުމާއި ސިއްހީ އިރުޝާދުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިވަގުތު މި ޑިޖިޓަލް ކާޑު ފޯރުކޮށްދެނީ އީމެއިލް އަދި ވަޓްސްއެޕް މެދުވެރިކޮށެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ސްކްރީނިންގ ނިޒާމު އިތުރަށް ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ސިއްހީ މަރުކަޒެއްގައި ޑީއެންއޭ ލެބޯރެޓަރީއެއް ގާއިމުކޮށް، މިއަހަރުގެ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސާވިސަސް މެދުވެރިކޮށް ފޯރުކޮށްދޭ މި ޑީއެންއޭ ތަހުލީލަކީ، ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ލޭގައި ހިމެނޭ ހީމޮގްލޯބިންގެ މިއުޓޭޝަންތައް ދެނެގަތުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި ޚިދުމަތެކެވެ.
މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތެލަސީމިއާ ސްކްރީނިންގ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
Ads by MACL
