ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީސީބީގެ ގަވަނަންސް ރިވިއުގައި 98 އިންސައްތަ ހަމަކޮށް، ސަރުކާރު ކުންފުނިތަކުގެ އެއްވަނަ ދަރަޖަ މޯލްޑިވިއަންއަށް!

ޕީސީބީގެ ގަވަނަންސް ރިވިއުގައި 98 އިންސައްތަ ހަމަކޮށް، ސަރުކާރު ކުންފުނިތަކުގެ އެއްވަނަ ދަރަޖަ މޯލްޑިވިއަންއަށް!

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" ގެ ނަތީޖާ ދައްކާގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކަށް އެންމެ ފުރިހަމައަށް ޢަމަލުކުރާ ކުންފުންޏަކަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ހޮވިއްޖެއެވެ.

ދައުލަތް ހިއްސާވާ 21 ކުންފުންޏެއްގެ ހިންގުމާއި ގަވަނަންސްގެ ކަންކަން ވަޒަންކޮށް ޕީސީބީން އެކުލަވާލި މި ރިޕޯޓުގައި އައިއޭއެސްއެލް އެއްވަނަ ދަރަޖަ ހާސިލުކުރީ 98 އިންސައްތައިގެ މަތީ ސްކޯއަކާއެކުގައެވެ. މި ދާއިރާގެ އެވްރެޖް ސްކޯއަކީ 77 އިންސައްތަ ކަމަށްވާއިރު، އައިއޭއެސްއެލް ވަނީ އެވްރެޖަށް ވުރެ 21 އިންސައްތަ މަތިން މާކްސް ހޯދައި، ކުންފުނި ހިންގުމުގެ ނިޒާމު ހަރުދަނާކަމުގައި ނަމޫނާ ދައްކާފައެވެ.

މި އެސެސްމަންޓުގައި ދެވަނައަށް އެންމެ މަތީ ނަތީޖާއެއް ހޯދީ 97 އިންސައްތައާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. ތިންވަނައިގައި 93 އިންސައްތައާއެކު އާސަންދަ ކުންފުނި އޮތްއިރު، ހަތަރުވަނައިގައި އޮތީ 90 އިންސައްތަ ހޯދި މިންޑްކޯއެވެ.

އަދި ފަސްވަނައިގައި 89 އިންސައްތައާއެކު އެމްޑަބްލިޔުއެސްސީ، ހަވަނައިގައި 88 އިންސައްތައާއެކު ސްޓެލްކޯ، އަދި ހަތްވަނައިގައި 87 އިންސައްތައާއެކު މޯލްޑިވްސް ޕޯސްޓް ހިމެނެއެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސްއާއި އެމްއޭސީއެލްއަށް 85 އިންސައްތަ ލިބިގެން އަށްވަނައިގައި އޮތްއިރު، ނުވަވަނައިގައި އޮތީ 84 އިންސައްތަ ހޯދި މިފްކޯއެވެ.

ރިޕޯޓުގައި ހިމެނޭ 21 ކުންފުނީގެ ތެރެއިން 11 ކުންފުންޏަކުން ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދައިފައެވެ. ދެން ހިމެނޭ ކުންފުނިތަކުގެ ނަތީޖާއަށް ބަލާއިރު، އާރްޑީސީއަށް 75 އިންސައްތަ، އެމްއެޗްސީއެލްއަށް 73 އިންސައްތަ، އަދި އެޗްޑީސީއާއި ޕީއެސްއެމްއަށް ވަނީ 72 އިންސައްތަ ލިބިފައެވެ. ހަމައެއާއެކު ފެނަކައަށް 68 އިންސައްތަ، ވެމްކޯއަށް 67 އިންސައްތަ، ބީސީސީއާއި އެމްއެފްއެމްސީއަށް 66 އިންސައްތަ، އޭއައިއޭއަށް 64 އިންސައްތަ އަދި އެމްއެފްއޯއާރްއެމްޕީސީއަށް 50 އިންސައްތަ ލިބިފައިވާއިރު، ލިސްޓުގެ އެންމެ ފުލުގައި 45 އިންސައްތައާއެކު އޮތީ ޑީބީއެމްއެވެ.

2023 ވަނަ އަހަރާ އަޅާބަލާއިރު ކުންފުނިތަކުގެ ޖުމްލަ ކޮމްޕްލަޔަންސް 11 އިންސައްތައަށް ވުރެ އިތުރުވެ، ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ކުންފުނިތައް ހިންގުމުގައި އިތުރަށް ރަނގަޅުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ޕީސީބީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، 21 ކުންފުނީގެ ތެރެއިން 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އެކުލަވާލާފައިވަނީ އެންމެ 12 ކުންފުނިން ކަމަށްވާއިރު، ފުރިހަމައަށް ޝަރުތު ހަމަވާ ޗީފް ފައިނޭންޝަލް އޮފިސަރެއް (ސީއެފްއޯ) ތިބީ 16 ކުންފުނީގައެވެ.

މީގެ އިތުރުން، ނުވަ ކުންފުންޏެއްގެ ޖުމްލަ 19 އޮޑިޓެއް ނުނިމި ހުރިކަމާއި، ކުންފުނިތަކުގެ ވެބްސައިޓްތަކުގެ ހާމަކަން ބޮޑު މިންވަރު (ޓްރާންސްޕޭރެންސީ) އެވްރެޖްކޮށް ހުރީ އެންމެ 45 އިންސައްތައިގައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުންފުނި އުފެދުނީއްސުރެ މިހާތަނަށް އަހަރީ އާންމު ޖަލްސާއެއް (އޭޖީއެމް) ބާއްވާފައި ނުވާ ދެ ކުންފުންޏެއް އޮތްއިރު، ހަތް ކުންފުންޏެއްގައި އަހަރީ ޕްލޭނެއް އެކުލަވާލެވިފައި ނެތްކަން ވެސް ޕީސީބީން ވަނީ ހާމަކޮށްފައެވެ.