8 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖޭގެ 8 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ޖުމްލަ 732.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަގު ހެދުމަށް ހަމަޖެހިފައިވާ 8 ރަށާއި އެ ރަށްރަށުގައި ކުރިއަށްގެންދާ މަސައްކަތުގެ ތަފްސީލަކީ:
• ށ. ކޮމަންޑޫ: 2.73 ކިލޯމީޓަރުގެ 3 މަގެއްގައި ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުން.
• އދ. ހަންޏާމީދޫ: 1.57 ކިލޯމީޓަރުގެ 6 މަގެއްގައި ސީޓީބީ (ސިމެންޓް ޓްރީޓެޑް ބޭސް) އަޅައި ތާރު އެޅުމުގެ މަސައްކަތް ކުރުން.
• ކ. މާފުށި: 1.76 ކިލޯމީޓަރުގެ 17 މަގެއްގައި ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުން.
• ށ. ފޭދޫ: 2.08 ކިލޯމީޓަރުގެ 6 މަގެއްގައި ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުން.
• ބ. ކަމަދޫ: 3.79 ކިލޯމީޓަރުގެ 12 މަގެއްގައި ސީޓީބީ އަޅައި ތާރު އެޅުމުގެ މަސައްކަތް ކުރުން.
• ށ. ނަރުދޫ: 3.11 ކިލޯމީޓަރުގެ 10 މަގެއްގައި ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުން.
• ތ. ވަންދޫ: 2.43 ކިލޯމީޓަރުގެ 5 މަގެއްގައި ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުން.
• ށ. ޅައިމަގު: 2.21 ކިލޯމީޓަރުގެ 3 މަގެއްގައި ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުން.
މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައާއި މުދާ އުފުލުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ވިއްސާރަ މޫސުމުގައި ހިނގާބިނގާވެ އުޅުމަށް ދިމާވާ ދަތިތައް ނިމުމަކަށް އައިސް، އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
Ads by BMLވޭތުވެދިޔަ 45 އަހަރުދުވަހުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އުފެދުނު އެ ކުންފުންޏަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ.
Ads by MACL
