ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓެކުހުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ 25 ފަރާތެއްގެ މައުލޫމާތު މީރާއިން އާންމުކޮށްފި

ޓެކުހުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ 25 ފަރާތެއްގެ މައުލޫމާތު މީރާއިން އާންމުކޮށްފި

ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދައްކައިވާ 25 ފަރާތެއްގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

މީރާއިން ހާމަކުރި ގޮތުގައި، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މިފަހަރު އިއުލާނުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި، ޑިސެމްބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް ދައްކަންޖެހޭ އާމްދަނީން ނަގާ ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަންޖެހިފައިވާ ފަރާތްތަކުގެ މައުލޫމާތެވެ.

މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ފޯނުން ގުޅައި، ފައިސާ ނުދައްކައިފިނަމަ ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި އަދަބުތައް ބަޔާންކޮށްދީފައިވާނެ ކަމަށް މީރާއިން ބުނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ފަރާތްތަކަށް އެކަން ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އެންމެހައި ގާނޫނީ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.