ސްކޭމް މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނުވަތަ ސްކޭމް މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދިވެހި އަންހެނަކާއި ފިރިހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 27 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. މިއިން ކޮންމެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އެ ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުލިބޭ އެކަށީގެންވާ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުން ދީފައިވާ ބަޔާނުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފުލުހުން ފޮނުވި އީމެއިލްތަކާއި އެ ބޭންކުން ދީފައިވާ ޖަވާބުތައް ހިމެނެއެވެ.
Ads by BMLމީގެއިތުރުން، ހައްޔަރުކުރި ފިރިހެން މީހާގެ ބަންދު އަމުރުގައިވާ ގޮތުން މައްސަލައާ ގުޅޭ ސްނެޕްޝޮޓް ރިޕޯޓެއްވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި 33 އަހަރުގެ ފިރިހެން މީހާއަކީ، އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ އެހެން މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފުލުހަށް ހާޒިރުވުމަށް އިއުލާނުވެސް ކޮށްފައިވާ މީހެއްކަން ކޯޓު އަމުރުގެ މައުލޫމާތުން އެނގެއެވެ.
Ads by MACL
