ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލާ ދެކޮޅަށް ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ސަރުކާރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، އެ ގައުމާ ދެކޮޅަށް ދިވެހި ސަރުކާރުން އެޅުމަށް ނިންމި ހަރުކަށި ފިޔަވަޅުތަކާއެކު ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަނީ ހުއްޓިފައެވެ.

އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުންގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކުރާ އިސްރާއީލު ރައްޔިތުން ވެސް ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް ގެންނަ އިސްލާހުގެ ޚަބަރު ބޭރުގެ މަޝްހޫރު މީޑިއާތަކުގެ ސުރުހީތަކަށް އަރާފައިވާއިރު، އޭގެ ތެރޭގައި އިސްރާއީލުގެ ނޫހެއް ކަމަށްވާ "ދަ ޖެރުސަލަމް ޕޯސްޓް" ވެސް ހިމެނެއެވެ.

އިމިގްރޭޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ކުރިން ވިސްނާފައި އޮތީ ޣައްޒާގެ އުދުވާނު ހުއްޓުމަކަށް އަންނަންދެން ވަގުތީ ގޮތުން އިސްރާއީލު މީހުން މަނާކުރުމަށް ކަމަށްވީ ނަމަވެސް، މަޖިލީހަށް މިހާރު ހުށަހެޅި ބިލުގައިވަނީ އެއްވެސް ޝަރުތަކާ ނުލައި ދާއިމީ ގޮތެއްގައި ބޯޑަރު ބަންދުކުރާ ގޮތަށެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، ރާއްޖެއަށް އެތެރެވުން މަނާ މީހުންނަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން ޕްރޮޕަޓީއެއް ނުވަތަ ބިމެއް ނުގަނެވޭނެއެވެ. މިއީ އިސްރާއީލުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުން ފުރުސަތު ހަނިކުރުމަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ.

ބޭރުގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ހަމައެކަނި ބަޔާންތަކުން ނިންމާނުލައި ގާނޫނީ އޮނިގަނޑުގެ ތެރެއިން މިފަދަ ހަރުދަނާ ފިޔަވަޅުތައް ތަންފީޒުކުރުމަކީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ޖެހިލުންކުޑަކޮށް ވަކާލާތުކުރާކަން ދައްކުވައިދޭ ކަމެކެވެ.