"ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމާ ގުޅޭގޮތުން މެޑަމް ސާޖިދާ ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުންނާ މަޝްވަރާކުރައްވައިފި
ކޮޕް-31 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން ހަރ އެކްސަލަންސީ އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައި، ތިމާވެށި ޙިމާޔަތްކުރުމާއި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ 11 ނޮވެންބަރު 2026 ގައެވެ.
މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާން ވަނީ، އެކަމަނާގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" ގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްސާކުރައްވާފައެވެ. އަދި "ޒީރޯ ވޭސްޓް" ހަރަކާތް އިތުރަށް ފުޅާކުރުމަށް ދެ ބޭފުޅުން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ މެދު ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ޙަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހިތްވަރުދެއްވާފައެވެ. މިފަދަ މަސައްކަތެއް ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރައްވައި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
Ads by BMLހަމައެއާއެކު، ތިމާވެށި ރައްކާތެރިކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަންވެސް އެމިނޭ އުރުދުޣާން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ދެ ޤައުމުގެ ރައީސުންގެ އަނބިކަނބަލުންގެ މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމަށް ދިވެހިރާއްޖެއާއި ތުރުކީވިލާތުން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.
Ads by MACL
