ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ޒީރޯ ވޭސްޓް" މަޝްރޫޢު ކުރިއެރުވުމާ ގުޅޭގޮތުން ރާއްޖެއާއި ތުރުކީވިލާތުގެ ފަސްޓް ލޭޑީން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމީނާ އެރުދުޣާންއާ ބައްދަލުކުރައްވަނީ. ---  ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމީނާ އެރުދުޣާންއާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމީނާ އެރުދުޣާންއާ ބައްދަލުކުރައްވައި، ތިމާވެށި ހިމާޔަތްކުރުމާއި ކުނި މަދުކުރުމުގެ މަސައްކަތްތައް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ކޮޕް31 ސަމިޓްގެ ހަވާސާގައި އިއްޔެއެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ ފަސްޓް ލޭޑީ ވަނީ، 2017 ވަނަ އަހަރު އެކަމަނާގެ އިސްނެންގެވުމުގެ މަތިން އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" ގެ މަސައްކަތްތަކާއި ތަޖުރިބާ މެޑަމް ސާޖިދާއާ ހިއްސާކުރައްވާފައެވެ. އަދި ކުނި މަދުކުރުމުގެ ނުވަތަ "ޒީރޯ ވޭސްޓް" އިނިޝިއޭޓިވް ކުރިއެރުވުމުގައި ދެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމީނާ އެރުދުޣާންއާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ޒީރޯ ވޭސްޓް އިނިޝިއޭޓިވް ކުރިއެރުވުމުގައި މެޑަމް ސާޖިދާ އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރެއްވުމަށް އެމީނާ އެރުދުޣާން ވަނީ ހިތްވަރު ދެއްވާފައެވެ. އެގޮތުން، މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، އެ ވުޒާރާތަކާ ގާތުން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާއި ކުނި މަދުކުރުމުގެ ހަރަކާތްތަކުގައި އަންހެނުންނާއި، ކުޑަކުދިން އަދި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމަށް ވެސް ތުރުކީވިލާތުގެ ފަސްޓް ލޭޑީ އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.