ކަނޑުތައް ޙިމާޔަތްކުރުމަށް އުފެއްދުންތެރިން ޒިންމާދާރުވާންޖެހޭ: މެޑަމް ސާޖިދާ
ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި ކުނި އުފެދޭ ސަބަބުތަކުން ފެށިގެން ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ކަނޑުގެ މާޙައުލު ޙިމާޔަތްކުރުމަށްޓަކައި އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ކޮޕް31 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އަންތާލިޔާގައި އިއްޔެ ބޭއްވި "ހައި-ލެވެލް މީޓިންގ އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމީނާ އެރުދުޣާން އިންތިޒާމުކުރެއްވި މި ބައްދަލުވުމަކީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި، ކުންޏަކީ އުކާލުމުން އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ. އަދި ރާއްޖެފަދަ މުދާ އެތެރެކުރުމަށް ބަރޯސާވާ ޤައުމުތަކުން އުފުލަންޖެހެނީ އެހެން ޤައުމުތަކުގައި އުފައްދައި، ބަންދުކޮށްގެން އެކްސްޕޯޓްކުރާ ކުނީގެ ބުރަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
Ads by BMLމެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި އުފެއްދުންތެރިންގެ ޒިންމާއަކީ ހަމައެކަނި މުދާ ވިއްކުމާ ހަމައިން ނިމޭ ކަމަކަށް ވެގެންނުވާނެއެވެ. އޭގެ ބަދަލުގައި، މުދާ ބަންދުކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ޚިޔާރުކުރުމަށާއި، ސަރކިއުލަރ އިކޮނޮމީއަކަށް ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިވާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން އަޅަމުންދާ ޤާނޫނީ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް ހަރުކަށި އަދަބު ކަނޑައެޅުމަށް މިދިޔަ އޮގަސްޓް މަހު ކުނި ނައްތާލުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ތިމާވެށި ހިމާޔަތްކުރުމުގެ ހަގީގީ ބަދަލަކީ ގޭތެރެއިން ފެށިގެން، ސްކޫލްތަކުގެ ތެރެއިން މޫލައި، މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވާންޖެހޭ ކަމެއްކަމަށް ވިދާޅުވެ، ކުޑަކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މި ބައްދަލުވުމުގައި އެކަމަނާ ވަނީ، ދުނިޔޭގެ ފެންވަރުގައި ޒީރޯ ވޭސްޓް ޙަރަކާތް ހިންގެވުމަށް ތުރުކީވިލާތުގެ ފަސްޓް ލޭޑީ ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފު ކުރައްވައި، ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ އަމާޒުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.
Ads by MACL
