ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކޮށް، މާލީ ނިޒާމު ހަރުދަނާކުރުމަށް ރައީސް ގޮވާލައްވައިފި
މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާތައް ފުރިހަމަކޮށް، މާލީ ނިޒާމު ހަރުދަނާކުރުމާއެކު، ވެފައިވާ ވަޢުދުތަކަކީ ޢަމަލީ ނަތީޖާ ފެންނަ ކަންކަމަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-31) ގައި އިއްޔެ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުންނެވެ. މި ބަޔާނުގައި މޫސުމީ މައްސަލަތަކަށް ޙައްލު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މައިގަނޑު ތިން ކަމަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެއީ މާލީ އެހީތެރިކަމާއި، އިޞްލާޙީ ބަދަލާއި، ކަންކަން ތަންފީޒުކުރުމެވެ.
މޫސުމީ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ފައިސާއަކީ އިތުރުކުރެވޭ، ޔަޤީންކަން އޮތް އަދި ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ އެހީއަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ގްރީން ކްލައިމެޓް ފަންޑަށް ފައިސާ އިތުރުކުރުމަށާއި، އެޑަޕްޓޭޝަން ފަންޑާއި ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަދި ކާރިސާއެއްގައި ހިއްސާ ކުޑަ ނާޒުކު ޤައުމުތަކުން އެކަމުން ސަލާމަތްވުމަށް ދަރަނިވެރިވުމަށް މަޖުބޫރުކުރުވައިގެން ނުވާނެކަމަށް ވިދާޅުވިއެވެ.
Ads by BMLމީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ނާޒުކުކަން ދެނެގަތުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އޮނިގަނޑަށް ބަދަލު ގެނައުމަށާއި، މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ ގޮތް މުރާޖަޢާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ވިލުންތެރިކަމަށް ކުރާ ހޭދައަކީ މާލީ ބުރައެއްގެ ބަދަލުގައި މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، އޭޝިއާގެ ކުދި ޖަޒީރާ ޤައުމަކަށް ފުރަތަމަ ފަހަރަށް ލިބުނު ޝަރަފެއްގެ ގޮތުގައި، ރާއްޖޭގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' ގްރީން ކްލައިމެޓް ފަންޑުން ދާދި ފަހުން އެކްރެޑިޓްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ މޫސުމީ މާލީ އެހީ ހޯދުމަށް ރާއްޖޭގެ މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންސާފާއި ޒިންމާދާރުކަމާއެކު ޢަމަލީ މަސައްކަތްތައް ކުރުމަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ޒިންމާތައް ފުއްދުމުގެ ތެރެއިން، ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމުން މާނަހުރި ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދިނުމަށް ކޮޕް-31 ގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ
Ads by MACL
