ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޕް-31 ގެ ހަވާސާގައި ރައީސް، ބޭރު ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ކުރީގެ ސްޕެޝަލް ޕްރެޒިޑެންޝަލް އެންވޯއީ ފޯ ކްލައިމެޓް ޖޯން ކެރީއާ ބައްދަލުކުރައްވަނީ — ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ކުރީގެ ސްޕެޝަލް ޕްރެޒިޑެންޝަލް އެންވޯއީ ފޯ ކްލައިމެޓް ޖޯން ކެރީއާ ބައްދަލުކުރައްވަނީ — ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ނައިބު ރައީސް ޖެވްދެތު ޔިލްމާޒްއާ ބައްދަލުކުރައްވަނީ — ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ނައިބު ރައީސް ޖެވްދެތު ޔިލްމާޒްއާ ބައްދަލުކުރައްވަނީ — ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ މި ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަވަށްޓެރި އަދި ރަޙްމަތްތެރި ޤައުމުތަކުގެ އިސްވެރިންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އެގޮތުން، ޗައިނާގެ ނައިބު ރައީސް ހަން ޒެންގްއާއި، ތުރުކީވިލާތުގެ ނައިބު ރައީސް ޖަވްދަތު ޔިލްމާޒްގެ އިތުރުން، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މިއާން މުޙައްމަދު ޝަހްބާޒް ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުޞްޠަފާއާ ބައްދަލުކުރައްވަނީ — ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މީގެ އިތުރުން، ފަލަސްޠީނުގެ ބޮޑުވަޒީރު ޑޮކްޓަރ މުޙައްމަދު މުޞްޠަފާއާއި، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ވަރްސެން އަޣަބެކިއަން ޝާހީންއާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. ހަމައެއާއެކު، ފެޑެރަލް ރިޕަބްލިކް އޮފް ސޯމާލިއާގެ ރައީސް ޑޮކްޓަރ ޙަސަން ޝައިޚް މަޙްމޫދާއި، މެލޭޝިޔާގެ ކުރީގެ 16 ވަނަ ރަސްގެފާނު އަދި ޕަހަންގްގެ ސުލްޠާން ޢަބްދުﷲ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ތުންކޫ ޢަޒީޒާގެ އިތުރުން، އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި މޫސުމީ ބަދަލުތަކާ ބެހޭ ކުރީގެ ޚާއްޞަ މަންދޫބު ޖޯން ކެރީއާ ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

ކޮޕް-31 ސަމިޓްގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ، ސޯމާލިއާގެ ރައީސް ޑޮކްޓަރ ޙަސަން ޝައިޚް މަޙްމޫދު އާ ބައްދަލުކުރައްވައި ސަލާމްކުރައްވަނީ ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހަމަ މި ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ސެކްރެޓަރީ ޖެނެރަލް އިސްމާޢީލް އޫލްދު ޝައިޚް އަޙްމަދާ ބައްދަލުކުރައްވާފައެވެ.

މެޑަމް ސާޖިދާ މުޙައްމަދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ސެކްރެޓަރީ ޖެނެރަލް އިސްމާޢީލް އޫލްދު ޝައިޚް އަޙްމަދާ ބައްދަލުކުރައްވަނީ — ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮޕް-31 ސަމިޓްގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުންތަކަކީ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއެކު ދިވެހިރާއްޖެއިން ބާއްވަމުންދާ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ ގޮތުން ބޭއްވެވި މުހިންމު ބައްދަލުކުރެއްވުންތަކެކެވެ.