މޫސުމީ ފިޔަވަޅުތަކުން އިޤްތިޞާދު ވަރުގަދަކޮށް، ޚަރަދު ކުޑަކުރަން ކޮޕް31 ގައި ގޮވާލައިފި
ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ.ގެ މޫސުމާ ބެހޭ ސަމިޓު (ކޮޕް31) ގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ އިޤްތިޞާދު ވަރުގަދަކޮށް، އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ބަލައިގަނެ، އެ ވިސްނުން އިސްކުރުމަށް ދުނިޔޭގެ ޤައުމުތަކުގެ އިސްވާރުން ގޮވާލައްވައިފިއެވެ.
ސަމިޓުގައި ތަޤުރީރުކުރެއްވި ޤައުމުތަކުގެ ވެރިން ވިދާޅުވި ގޮތުގައި، މޫސުމީ ފިޔަވަޅުތަކުން ލިބޭ އިޤްތިޞާދީ ފައިދާތަކަށް އިސްކަންދިނުމަކީ ސިޔާސީ އެއްބާރުލުން ހޯދުމަށް ވެސް ފަސޭހަވެގެންދާނެ ކަމެކެވެ. ދުނިޔޭގެ މަސްރަޙަށް އަންނަ ސިޔާސީ ލޮޅުންތަކާއި ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާއިރު، މޫސުމީ މައްސަލަތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވެސް މިހާރު އެންމެ ބޮޑަށް އަލިއަޅުއްވައިލައްވަނީ އިއާދަކުރަނިވި ހަކަތައިން ލިބޭ އިޤްތިޞާދީ މަންފާތަކަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ، ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މީހުން ދިރިއުޅެނީ ތެލާއި ގޭސް އަދި ބޯޓުދެލި ފަދަ ފޮސިލް ފިއުލް އިމްޕޯޓްކުރާ ޤައުމުތަކުގައި ކަމަށެވެ.
Ads by BMLއެހެންކަމުން، އަގުތަކަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި ޙައްލަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އދ.ގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ ސައިމަން ސްޓީލް ވެސް ވަނީ ފޮސިލް ފިއުލްއަށް ބަރޯސާވުމުގެ ސިޔާސީ އަގު ބޮޑުކަން ފާހަގަކުރައްވައި، މޫސުމީ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ފިއްތުންތަކަށް ލުއި ލިބޭނެކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިނަލްއަޤްވާމީ މޫސުމީ އެއްބާރުލުމުން ވަކިވެވަޑައިގަތުމާއެކު މި ދާއިރާގައި ސިޔާސީ ބައިބައިވުން އުފެދިފައިވީ ނަމަވެސް، އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ މޫސުމީ މައްސަލަތައް އިޤްތިޞާދީ ވިސްނުމަކުން ބައްޓަންކުރުމަކީ މުހިންމު ބަދަލެއް ކަމަށެވެ. އަދި ސަލާމަތާއި، ޞިއްޙަތާއި، ވަޒީފާގެ ފުރުޞަތުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅުވައިގެން މޫސުމީ ވާހަކަތައް ދެއްކުމުން އާންމުންގެ ބަލައިގަތުން އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސްލޮވީނިއާގެ ރައީސް ނަތާޝާ ޕީރްޓްސް މޫސަރް ވިދާޅުވީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް، ކުރު މުއްދަތުގެ މަޞްލަޙަތަށްވުރެ ދުރު ރާސްތާގެ ޙަޤީޤަތްތަކަށް ރިޢާޔަތްކޮށް ސިޔާސީ ނިންމުންތައް ނިންމަންޖެހޭ ކަމަށެވެ. އަދި ވިލާތުގެ ހަކަތައާ ބެހޭ ކޮމިޝަނަރު ޑޭން ޔޯގެންސަން ވިދާޅުވި ގޮތުގައި، ސަލާމަތީ އަދި އިޤްތިޞާދީ ފައިދާތަކަށް ބާރުއެޅުމަކީ މޫސުމީ ބަދަލުތައް ޤަބޫލުނުކުރާ ފަރާތްތައް ވެސް އެއްގަލަކަށް އެރުވުމަށް އޮތް އެންމެ ކާމިޔާބު މަގެވެ.
Ads by MACL
