ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިޔަފާރި ހުއްޓި ހާލު ދެރަވި "ބާބާ ގާޑިޔާ" ގެ ވެރިޔާ، ބޭސްފަރުވާއަށް ބޭރަށް ދާން އެހީއަށް އެދިއްޖެ

ވިޔަފާރި ހުއްޓި ހާލު ދެރަވި "ބާބާ ގާޑިޔާ" ގެ ވެރިޔާ، ބޭސްފަރުވާއަށް ބޭރަށް ދާން އެހީއަށް އެދިއްޖެ

ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް އެއްކޮށް ހުއްޓި، ބަލިހާލު ބޮޑުވެފައިވާ "ބާބާ ގާޑިޔާ" ގެ ވެރިޔާ ހަސަން އަތީގު (ބާބާ)، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އާންމުންގެ މާލީ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުވައްމުލަކަށް އުފަން އަތީގަށް މި ހާލަތު މެދުވެރިވީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެ ރަށުގައި ހުއްޓައި ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެންނެވެ. ފުވައްމުލަކު ހޮސްޕިޓަލުން އަވަސް ފަރުވާ ދިނުމަށްފަހު، ހާލު ސީރިއަސްވުމުން ޖެހިގެން އައި ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުގައި ވަނީ އެޑްމިޓްކޮށްފަ އެވެ.

މާލެ ގެނައި ފަހުން ހިތުގެ ދެ އެންޖިއޯގްރާމް ހަދާފައިވީ ނަމަވެސް، ކަރުގެ ދެފަރާތުގެ ނާރުތައް އާދަޔާ ހިލާފަށް ދުޅަވެ ރިއްސާތީ އުޅޭ ކަމަށް އަތީގު ވަނީ އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފަ އެވެ. މި ތަދު ބޮޑުވާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.

ކާޑިއޯ، ނިއުރޯ އަދި އީއެންޓީ ޑޮކްޓަރުންނަށް ދައްކައި ގިނަ ޓެސްޓުތަކެއް ހެދި އިރުވެސް، މެޔަށާއި ކަރުގެ ނާރުތަކަށް އަރާ ވޭނުގެ އަސްލު ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި، ރޭގަނޑު ހަމަނިދި ނުލިބި ވޭނުގައި އުޅެން ޖެހިފައިވާ ކަމަށް އަތީގު ބުނެފައިވެ އެވެ.

ރާއްޖެއިން އެކަށީގެންވާ ލުޔެއް ނުލިބި ބަލި ދިގުލައިގެންދާތީ ބޭރުން ފަރުވާ ހޯދުމަށް އާސަންދަ މިހާރު ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް، ބަލިވުމާއެކު ގާޑިޔަލުގެ ވިޔަފާރި ހުއްޓި އާމްދަނީ ލިބޭނެ މަގު ބަންދުވެފައިވާތީ، އިންޑިއާގައި ހޭދަވާނެ މުއްދަތެއް ނޭނގޭ ދަތުރެއްގެ ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ކޮވިޑް-19 ގެ ދަތި ދުވަސްވަރު ރިސޯޓު ވަޒީފާ ގެއްލުމުން ދަމާ ގާޑިޔަލަކުން ވިޔަފާރި ފެށި އަތީގު، 2021 ވަނަ އަހަރު ފުވައްމުލަކުގައި ފުޑް ޓްރަކެއްގެ ވިޔަފާރި ފުޅާކޮށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މޯލްޑިވްސް އެކްސްޕޯގައި އޭނާގެ ޝަވަރުމާއަށް ލިބުނު ބޮޑު ތަރުހީބާއެކު، އޭރު ލިބުނު ފައިދާގެ އެއްބައި އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ހަދިޔާކޮށްފަ އެވެ.

އަތީގަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް، ހަސަން އަތީގުގެ ނަމުގައިވާ ބީއެމްއެލް އެކައުންޓް 7703234441101 އަށް ނުވަތަ އެމްއައިބީ އެކައުންޓް 90603100669081001 އަށް ފައިސާ ޖަމާކުރެވޭނެ އެވެ.