ގައުމީ ތަރައްގީގެ ހަގީގީ ފޮނިމީރުކަން ލިބޭނީ އިންސާނީ ސިކުނޑިތައް ބިނާކޮށްގެން: ވަޒީރު ހީނާ
ގައުމަކަށް ގެނެވޭ އުމްރާނީ ކުރިއެރުމާއި ތަރައްގީގެ ހަގީގީ ފޮނިމީރުކަން ރައްޔިތުންނާ ހަމައަށް ފޯރާނީ، އެ ގައުމެއްގެ އިންސާނީ ސިކުނޑިތައް ވެސް އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ބައްޓަންކުރައްވާފައި ވަނީ އުމްރާނީ ތަރައްގީއާއި އިންސާނީ ތަރައްގީ އެކުއެކީގައި ކުރިއަށް ގެންދިއުމުގެ މައްޗަށް ކަމަށެވެ. އެގޮތުން 2040 ވަނަ އަހަރު އަންނައިރު ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކާއެކު، އިންސާނީ ބިނާކުރުމަށް ދެވޭ އިސްކަމުގެ ސަބަބުން ވަށާޖެހޭ ތަރައްގީއެއް ގައުމަށް ގެނެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އިންސާނީ ބިނާކުރުމުގެ ދާއިރާއިން ގައުމުދެކެ ލޯބިވާ ޖީލެއް އުފެއްދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު މިހާރު ހިނގަމުންދާ ކަމަށެވެ. އަދި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށްޓަކައި، އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އަންނަ ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް އިފުތިތާހު ކުރުމަށް ތައްޔާރުވަމުންދާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.
Ads by BMLހުރަވީ ދުވަހުގެ ތާރީހީ ހާދިސާއިން ލިބިދޭ އިބުރަތްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަކީ ހަމައެކަނި ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދެއްވި އަބްތާލެއް ނޫން ކަމަށެވެ. އެއީ އަހުލާގީ ރިވެތި ސިފަތަކާއި ނަމޫނާ ދިރިއުޅުމުގެ މަތިވެރި ފިލާވަޅުތަކެއް ދިވެހި އުއްމަތަށް ދޫކުރެއްވި ޝަހުސިއްޔަތެއް ކަމަށާއި، އަމިއްލަފުޅަށް މިލްކުކުރެވެން އޮތް ރަސްކަން ކުރީގެ ރަދުންގެ ބޭފުޅަކާ ހަވާލުކުރައްވައިގެން ރަސްކަން ހިންގަވައިދެއްވުމަކީ އެ ބަތަލުގެ އިހުލާސްތެރިކަމާއި އަމާނާތްތެރިކަމުގެ އައުލާ މިސާލެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 1752 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޮޅިން މާލެއަށް އަރައި ގަނޑުވަރާއި މިސްކިތްތަކުގައި ހުޅުޖަހައި، އޭރުގެ ރަދުން މުކައްރަމު މުހައްމަދު އިމާދުއްދީން އަސީރުކޮށްގެން ގެންދިޔަ ހިތާމަވެރި ހާދިސާ ވަޒީރު ހަނދާންކޮށްދެއްވިއެވެ. އެއަށްފަހު ތިން މަސް ދުވަހުގެ ތެރޭގައި، 1753 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެންމެ 200 ބޭކަލުންގެ ލަޝްކަރަކާއެކު ނުކުންނަވައި ދިވެހި ގައުމު އަލުން މިނިވަންކުރެއްވީ ދޮންބަންޑާރައިންގެ ހިތްވަރުފުޅުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ހުރަވީ ދުވަހުގެ މި މުނާސަބަތުގައި ކޮންމެ ދިވެއްސަކު ވެސް އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމުގެ އަޒުމު އާކުރުމަށް ގޮވާލައްވަމުންނެވެ. ހަމައެއާއެކު، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށްޓަކައި އެމަނިކުފާނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
Ads by MACL
