މީދާ ހުން ފެތުރޭ މިންވަރު އިތުރުވެ، ސްރީލަންކާގައި 7،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިއްޖެ
މިއަހަރުގެ މިހާތަނަށް ސްރީލަންކާގައި "މީދާ ހުން" (ލެޕްޓޯސްޕައިރޯސިސް) ޖެހުނު މީހުންގެ ޢަދަދު 7،000 އަށްވުރެ މައްޗަށް އަރާފައިވާތީ، އެ ޤައުމުގެ ޞިއްޙީ އިދާރާތަކުން އާންމުން ސަމާލުވުމަށް އިންޒާރު ނެރެފިއެވެ.
ސްރީލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޤައުމުގެ އެޕިޑެމިއޮލޮޖީ ޔުނިޓުގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒިޝަން ޑރ. ތުޝާރީ ދަބަރޭރާ ވިދާޅުވީ، މިއީ އެ ޤައުމުގައި އަހަރަކު ގާތްގަނޑަކަށް 300 މީހުންގެ ފުރާނަ ގެއްލޭ ނުރައްކާތެރި ބައްޔެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ވިއްސާރަ މޫސުމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކާ ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި މި ބަލި ފެތުރޭ މިންވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޞިއްޙީ އިދާރާތަކުން ބުނެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ރަތުނަޕޫރާ، ކޭގޯލް، ގޯލް އަދި މާތަރަ ޑިސްޓްރިކްޓްގައެވެ. ޞިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ސްރީލަންކާގައި އާންމުކޮށް މި ބަލި ފެތުރުން އިތުރުވަނީ ވިއްސާރަ މޫސުމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ބާރަށް ހިނގާ ދެ ދުވަސްވަރެއްގައެވެ. އެއީ އޭޕްރީލް މަހުން ޖޫން މަހަށް އަދި ސެޕްޓެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށެވެ.
Ads by BMLލެޕްޓޯސްޕައިރޯސިސް އަކީ ބަލި ޖެހިފައިވާ މީދަލާއި އެހެނިހެން ޖަނަވާރުގެ ކުޑަކަމުދާ ތަކެތިން ތަޣައްޔަރުވެފައިވާ ފެން ނުވަތަ ޗަކަ ފަސްގަނޑުގެ ޒަރީޢާއިން އިންސާނުންގެ ހަށިގަނޑަށް ވާޞިލުވާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބެކްޓީރިއާ ހަށިގަނޑަށް ވަންނަނީ ހަންގަނޑުގައި ހުންނަ ފާރުތަކާއި ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުން ކަމަށްވާތީ، ފެންބޮޑުވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނާއި ދަނޑުވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.
މި ބަލީގެ ޢަލާމާތްތަކަކީ ޑެންގީ ހުމާއި އިންފްލުއެންޒާއާ ވަރަށް އެއްގޮތް ޢަލާމާތްތަކެކެވެ. އޭގެ ތެރޭގައި ގަދައަށް ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑާއި ފައިގެ މަސްގަނޑުގައި ވޭންއެޅުމުގެ އިތުރުން ކަރުތެރެ ފާރުވުމާއި ލޯ ރަތްވުން ހިމެނެއެވެ. މިފަދަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ އަމިއްލައަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.
މީގެ އިތުރުން، ބަލިން ރައްކާތެރިވުމަށްޓަކައި ދަނޑުބިންތަކާއި ފެންގަނޑުތަކުގައި މަސައްކަތްކުރާއިރު އަންގިއާއި ބޫޓު ފަދަ ރައްކާތެރި ތަކެތި ބޭނުންކުރުމަށާއި، ހަށިގަނޑުގައި ހުންނަ ފާރުތައް ފެން ނުވަންނާނޭހެން ބަންދުކޮށްގެން އުޅުމަށް ޞިއްޙީ އިދާރާތަކުން ވަނީ ނަޞޭޙަތްތެރިވެފައެވެ.
Ads by MACL
