ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަތަރު މިލިއަން ފީފާގެ ތެޔޮ ހިފައިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ ސުޕަޓޭންކަރެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި

ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ ދުން އަރަނީ — ފޮޓޯ: މެލޭޝިއަން މެރިޓައިމް އެންފޯސްމަންޓް އޭޖެންސީ
ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ ދުން އަރަނީ — ފޮޓޯ: މެލޭޝިއަން މެރިޓައިމް އެންފޯސްމަންޓް އޭޖެންސީ

ހުއްދަ ނެގުމެއް ނެތި ހޮރްމޫޒް ކަނޑުއޮޅީގެ ސަރަޙައްދަކުން ދަތުރުކުރަމުންދިޔަ ދެ ސުޕަޓޭންކަރެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، އެ ދެ އުޅަނދުގައި ރޯވެއްޖެއެވެ.

އީރާނުގެ ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ހުއްދަ ދެވިފައިނުވާ ސަރަޙައްދަކުން އެ ދެ ޓޭންކަރު ދަތުރުކުރަމުން ދަނިކޮށެވެ. އެ ދެ އުޅަނދުގައި ޖުމްލަ ހަތަރު މިލިއަން ފީފާގެ ތެޔޮ ބަރުކޮށްފައިވާ ކަމަށް ވެސް އައިއާރްޖީސީން ބުނެއެވެ.
އައިއާރްޖީސީގެ ބަޔާނަކާ ޙަވާލާދީ އީރާނުގެ ތަސްނީމް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ދެ އުޅަނދު ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް އެކަމަށް އިޖާބަދީފައި ނުވާތީ، އުޅަނދުތައް ހުއްޓުވާފައިވަނީ ޙަމަލާދީގެންނެވެ. މި ޙަމަލާއާ ގުޅިގެން އުފެދުނު ބާރުގަދަ ގޮވުންތަކާއެކު ދެ ޓޭންކަރުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

މި ދެ އުޅަނދަށް ލިބުނު ގެއްލުންތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށް އައިއާރްޖީސީން ތުހުމަތުކުރެއެވެ. އެ ފަރާތުން ބުނި ގޮތުގައި، އެ ޓޭންކަރުތައް އެ ސަރަޙައްދުން ދަތުރުކުރަމުން ދިޔައީ އެމެރިކާއިން ދިން ރައްކާތެރިކަމުގެ ޔަޤީންކަމާއެކުގައެވެ.
މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެއްވެސް އުޅަނދަކުން ނެވިގޭޝަން ނިޒާމު ނިއްވާލައިގެން ދަތުރުކޮށްފިނަމަ، އެ އުޅަނދަކަށް ގެއްލުން ލިބޭނެ ކަމުގެ އިންޒާރު ވެސް އައިއާރްޖީސީން ވަނީ ދީފައެވެ.