ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު 20 ދުވަހަށް ބަންދުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު 20 ދުވަހަށް ބަންދުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، އެ މީހުންނަށް އަނިޔާކޮށް ބިރުދެއްކި މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކުރި މީހަކު 20 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، މާރާމާރީ ހިންގުމާއި، ޖިނާއީ މަޖުބޫރުކުރުމުގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އިފުހާމް އަޙްމަދެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ފުލުހުން ވަނީ ތުހުމަތުކުރެވޭ ކުށްތައް އޭނާއާ ގުޅޭ މިންވަރަށް ހެކި ހުށަހަޅާފައެވެ. އެގޮތުން، އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ބަޔާންތަކުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކުގެ މެޑިކޯ ލީގަލް ރިޕޯޓާއި، އަނިޔާގެ ފޮޓޯތަކާއި، ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓްތައް ވެސް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވެއެވެ. ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް، ތުހުމަތުކުރެވޭ ކުށްތައް އިފުހާމަށް ރައްދުވާ މިންވަރަށް ހެކި ހުރިކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޯޓު އަމުރުގައި ފުލުހުންނާ ޙަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، އިފުހާމް ވަނީ ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފެހެއްޓުމަށްފަހު، އެ މީހުންގެ ފޯނުތައް ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ޙަމަލާދޭނެ ކަމަށް ބުނެ ބިރުދައްކާފައެވެ.

މީގެ އިތުރުން، ކެފޭގެ ތެރޭގައި އެ މީހުން ތިން ގަޑިއެއްހާއިރު ވަންދެން ހިފަހައްޓައިގެން ގެންގުޅުނު ވަގުތު، އަނިޔާ ލިބުނު މީހުންގެ ޤަދަރާއި ޙުރުމަތަށް އުނިކަން އަންނާނެ ފަދަ ގޮތަށް އެ މީހުންގެ ފޮޓޯއާއި ވީޑިއޯ ނަގާފައިވާ ކަމަށް ވެސް ފުލުހުން ޝަރީޢަތުގައި ފާހަގަކޮށްފައިވެއެވެ.