އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް އަޅާ ފްލެޓްތަކުގެ ޑިޒައިން ކޮންސަލްޓެންސީއަށް ހުޅުވާލައިފި
ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުނި ކަމަށްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އިމާރާތްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.
އައިއޭއެސްއިން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ، މުވައްޒަފުންނަށް ކުރިއަށްގެންދާ މި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޑިޒައިނާ ގުޅޭ ކޮންސަލްޓެންސީ މަސައްކަތަށް، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފެންވަރު ރަނގަޅު ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށްފަހު، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
އައިއޭއެސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. މި މަޝްރޫޢު ހިންގުމަށްޓަކައި 20,819 އަކަފޫޓުގެ ބިމެއް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެ ކުންފުންޏާ ޙަވާލުކޮށްފައެވެ.
Ads by BMLސަރުކާރު ހިއްސާވާ އެހެނިހެން ބޮޑެތި ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް، އެމްޕީއެލް އަދި ސްޓެލްކޯއިން ވެސް މީގެ ކުރިން ވަނީ ހުޅުމާލޭގައި މުވައްޒަފުންނަށް ފްލެޓް އަޅައިދީފައެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށައިޖެހޭ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
Ads by MACL
