އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކޮށް، އިންސާނީ ބިނާކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ: ވަޒީރު ހީނާ
ގައުމުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކޮންމެ ދިވެއްސަކު ވެސް އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށާއި، ދެމެހެއްޓެނިވި ތަރައްގީއެއް ލިބޭނީ އުމްރާނީ މަސައްކަތްތަކާއެކު އިންސާނީ ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 'ވިޝަން 2040' ގެ ދަށުން ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގިނަ އިސްތިރާޖީ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ، އުމްރާނީ ތަރައްގީއާ އެއްހަމައެއްގައި އިންސާނީ ސިކުނޑިތައް ހެޔޮގޮތުގައި ބިނާކުރެވިގެންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އިންސާނީ ބިނާކުރުމުގެ ތެރެއިން ގައުމުދެކެ ލޯބިވާ ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، މުޖުތަމައުގައި އިހުތިރާމު ކުރުމުގެ ރިވެތި ސިފަ އަށަގެންނެވުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހު ކުރުމަށް ހަމަޖެހިފައިވާކަން ވެސް އެކަމަނާ ހާމަކުރެއްވިއެވެ.
Ads by BMLހުރަވީ ބަތަލު އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންގެ ޒިކުރާ އާކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ބަތަލަކީ ހަމައެކަނި ބޭރުގެ އުދުވާނަކުން ގައުމު ސަލާމަތްކުރެއްވި ޝަހުސިއްޔަތެއް ނޫން ކަމަށާއި، އެއީ އަހުލާގާއި ނަމޫނާ ދިރިއުޅުމުގެ މަތިވެރި ފިލާވަޅުތަކެއް ދޫކުރެއްވި ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް އަމިއްލަފުޅު ވެރިކަމަކަށް އެދިވަޑައިނުގެން، ލިބިވަޑައިގެންނެވި ރަސްކަން ކުރީގެ ރަދުންގެ ބޭފުޅަކާ ހަވާލުކުރައްވައިގެން ރަސްކަން ހިންގަވައިދެއްވުމަކީ އެ ބަތަލުގެ އަމާނާތްތެރިކަމާއި އިހުލާސްތެރިކަން ދައްކުވައިދޭ އައުލާ މިސާލެއް ކަމަށް ވިދާޅުވިއެވެ.
ތާރީހީ ހާދިސާތަކަށް ބައްލަވާލައްވަމުން، 1752 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޮޅިން މާލެއަށް އަރައި ގަނޑުވަރާއި މިސްކިތްތަކުގައި ހުޅުޖަހައި، އޭރުގެ ރަދުން މުކައްރަމު މުހައްމަދު އިމާދުއްދީން އަސީރުކޮށްގެން ގެންދިޔަ ހިތާމަވެރި ދުވަސް ވަޒީރު ހަނދާންކޮށްދެއްވިއެވެ. އަދި އޭގެ ތިން މަސް ފަހުން، 1753 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެންމެ 200 ބޭކަލުންގެ ލަޝްކަރަކާ އެކު ނުކުންނަވައި ދިވެހި ގައުމަށް އަލުން މިނިވަންކަން ހޯއްދަވައިދެއްވީ ދޮންބަންޑާރައިންގެ ހިތްވަރުފުޅުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ހުރަވީ ދުވަހުގެ މި މުނާސަބަތުގައި ކޮންމެ ރައްޔިތަކު ވެސް ގައުމުދެކެ ލޯބިވުމުގެ އަޒުމު އާކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. ހަމައެއާއެކު، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށްޓަކައި އެމަނިކުފާނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
Ads by MACL
