ކާބަފައިންގެ ރިވެތި ސިފަތައް ދެމެހެއްޓުމަށް ގޮވާލައްވައި، ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ހުރާގައި ބާއްވައިފި
ކާބަފައިންގެ ފަރާތުން ދިވެހިންނަށް ވާރުތަވެފައިވާ އަޚްލާގީ ރިވެތި ސިފަތައް ދެމެހެއްޓުމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު އިލްތިމާސްކުރައްވައި، މިއަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ކ. ހުރާގައި މިއަދު ހެނދުނު ބާއްވައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ހުރާ ކައުންސިލް ގުޅިގެން ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވަނީ، ހުރަވީ ދުވަހުގެ ބަތޮލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (އެއްވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ތާރީޚީ ހާދިސާގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ހުރާ ކައުންސިލްގެ ނައިބު ރައީސް ޔުޝްރިއްޔާ ރަޝީދު ވިދާޅުވީ، ހުރަވީ ދުވަހަކީ އެރަށުގެ ފަސްގަނޑާ ގުޅިފައިވާ ދުވަހެއް ކަމަށާއި ދޮންބަންޑާރައިން ހުރާއަށް ނިސްބަތްވެވަޑައިގަތުމަކީ ރަށަށް ލިބޭ ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ދުވަސް ފާހަގަކުރާއިރު އެ ތާރީޚީ ހާދިސާއިން އިބްރަތް ހާސިލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLރަސްމީ ޖަލްސާގެ ތެރެއިން ވަނީ ހުރަވީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދީފައެވެ. މި މުބާރާތުގެ އެއްވަނަ މަލްކާ އާދަމް ނަޒީލް ހޯދިއިރު، ދެވަނަ ހާސިލުކުރީ މަރިޔަމް އަޒްހާ ޝުޖާއުއެވެ. އަދި ތިންވަނަ ލިބިފައިވަނީ އާމިނަތު ނަދުހާ ޝުޖާއުއަށެވެ.
ހަމައެއާއެކު، މިއަދުގެ ރަސްމިއްޔާތުގައި ހުރާ ކައުންސިލްގެ ފަރާތުން ވަނީ ޝަރަފުވެރި މެހެމާނު، ވަޒީރު ހީނާ ވަލީދަށް ޚާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.
ރަސްމީ ޖަލްސާގެ އިތުރުން ދުވަސް ފާހަގަކުރުމަށް ހުރާގައި އިތުރު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ބޭއްވުމާއި، ސްކޫލް ދަރިވަރުންނަށް ޚާއްސަ ޑޮކިއުމެންޓްރީއެއް ދެއްކުމުގެ އިތުރުން، އިސްރަށްވެހިންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަވީރެއް ބޭއްވުމަށް ވަނީ ރާވާފައެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަސް ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ދިވެހި ގައުމު ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
Ads by MACL
