އަމިއްލަ ފަސްގަނޑުގައި ދެމިތިބުމުގެ ޙައްޤު ޙިމާޔަތްކުރުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް: ރައީސް
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް އަމިއްލަ ވަޒަން ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރަން ނުޖެހޭނެކަން ކަށަވަރުކޮށް، އަމިއްލަ ފަސްގަނޑުގައި ދެމިތިބުމުގެ ޙައްޤު ޙިމާޔަތްކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ސަމިޓް (ކޮޕް 31) ގެ ހަވާސާގައި، ޔޫއެން ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީން އިންތިޒާމުކޮށްގެން މިއަދު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އެއީ މުސްތަޤުބަލުގައި ކުރިމަތިވެދާނެ ދުރު ބިރެއް ނޫން ކަމަށާއި، އެއީ މިހާރުވެސް ޤައުމުގެ ތަރައްޤީއަށް އޮތް ބޮޑު ގޮންޖެހުމެއްގެ އިތުރުން ޤައުމުގެ ދެމިއޮތުމާ ގުޅިފައިވާ ސީރިއަސް ނުރައްކަލެއް ކަމަށެވެ.
Ads by BMLދިވެހިރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިންތަކެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށްތަކަކީ ދިވެހި ރައްޔިތުންގެ ގެދޮރާއި، މުއްސަނދި ތާރީޚާއި، އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ތަންތަން ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުން ކިތަންމެ ކުޑަ މިންވަރެއް އުނިވެގެން ދިޔުމަކީވެސް ޤައުމުގެ ސިޔާދަތާއި އާސާރީ ތަރިކައަށް ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
މި ނުރައްކަލުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގުމާއެކު، ޤުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ އެންމެ ވަރުގަދަ ދިފާޢީ ނިޒާމުތައް ކަމަށްވާ ފަރުތަކާއި ކުޅިފާތައް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަސައްކަތުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި މާލީ އެހީތެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޤައުމީ ފެންވަރުގައި މިފަދަ ގޮންޖެހުންތަކަށް ކެތްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.
Ads by MACL
