ކޮޕް31 ގެ ހަވާސާގައި ރައީސް ޑރ. މުޢިއްޒު، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފި
އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްމިނިސްޓްރޭޓަރ އެލެގްޒެންޑަރ ޑި ކްރޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ފަރާތުންވެސް އިސްކަންދޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވިދާނެ އައު ފުރުޞަތުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޔޫއެންޑީޕީން ޒަމާނުއްސުރެ ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެ ފަދަ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ޔޫއެންޑީޕީއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
Ads by BMLބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އިސްކަންދޭ ކަންކަން ކުރިއަށް ގެންދިއުމުގައި، ރާއްޖެއާއި ޔޫއެންޑީޕީގެ އެއްބާރުލުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
Ads by MACL
