ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޢުދުތަކުގެ ބަދަލުގައި ޢަމަލީ ނަތީޖާ ދެއްކުމަށް ދުނިޔޭގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ ------ ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ ------ ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތަރައްޤީއާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން (ކްލައިމެޓް ރެޒިލިއަންސް) އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ވަކިކުރެވޭނެ ދެ ކަމެއް ނޫންކަމަށް ވިދާޅުވެ، ޖަޒީރާ ޤައުމުތަކަށް ފަސޭހައިން އަދި ލުއި ގޮތެއްގައި މޫސުމީ މާލީ އެހީ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޕް31 ސަމިޓްގެ ތެރެއިން ބޭއްވި "ދަ ސެކަންޑް ޑެކޭޑް އޮފް ދަ ޕެރިސް އެގްރީމެންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" މަތީ ފަންތީގެ ރައުންޑްޓޭބަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ސިޑްސް ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކަކީ ސާބިތުވެފައިވާ ޙަޤީޤަތެއް ކަމަށާއި، ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއިން ވަނީ ތަރައްޤީގެ ޕްލޭންތަކުގައި މޫސުމީ ވިލުންވެރިކަން ހިމަނައި، ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި ހުރި އުނިކަންތައްތަކުގެ ސަބަބުން، ރައްޔިތުންނާއި ރަށްތައް ޙިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ފަދަ ޤައުމުތަކަށް ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގޮންޖެހުންތަކަކީ ހަމައެކަނި ނާޒުކު ޤައުމުތަކަށް އެކަނި ޙައްލުކުރެވޭނެ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި، އަވަސް އަދި ގުޅިގެން ކުރާ ބައިނަލްއަޤްވާމީ މަސައްކަތްތަކެއް ކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި، ޤައުމުތަކުގެ ނާޒުކުކަން ވަޒަންކުރުމުގައި ހަމައެކަނި އާމްދަނީގެ ނިސްބަތަށް ބެލުމުގެ ބަދަލުގައި، ކުދި ޤައުމުތަކުގެ ޚާއްޞަ ބޭނުންތަކާއި ނާޒުކުކަމުގެ އެކި ބަހާތައް ބަލައިގަތުމުގެ މުހިންމުކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެ އިތުރުން، ސިޑްސް ޤައުމުތަކަށް މާލީ އެހީ ލިބޭނެ މަގު ފަހިކުރުމަށް ގޮވާލާ "އެންޓީގުއާ އެންޑް ބާބިޔުޑާ އެޖެންޑާ" އަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމީ ވަޢުދުތައް ޢަމަލީ ސިފައެއްގައި ތަންފީޒުކުރުމަށް މަސައްކަތްކުރާ "ބްރިޖް" އިނިޝިއޭޓިވް އަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ޕެރިސް އެގްރީމެންޓްގެ ދެވަނަ ދަހަރަށް ދުނިޔެ ކުރިމަތިލާއިރު، ދުނިޔޭގެ ލީޑަރުން ހަމައެކަނި ވަޢުދުތަކެއް ވުމުގެ ބަދަލުގައި ޢަމަލީ ނަތީޖާ ދެއްކުމަށް ގޮވާލައްވާފައެވެ. އެގޮތުން، ތާރީޚު އެ ބޭފުޅުންނާ މެދު ޙުކުމްކުރާނީ އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށްޓަކައި ހޯއްދަވައިދެއްވި ޢަމަލީ ނަތީޖާތަކުގެ މައްޗަށް ބަލައިގެންކަން އެމަނިކުފާނު ހަނދުމަކޮށްދެއްވިއެވެ.