މޫސުމީ ރައްކާތެރިކަމަށްޓަކައި ރަސްމާލެ ހިއްކަނީ ކަނޑުގެ ލޮނުގަނޑު އުފުލޭނެ މިންވަރަށްވުރެ އުސްކޮށް: ރައީސް
އިއާދަކުރަނިވި ހަކަތައަށް ބަރޯސާވާ، ކާބަން މަދު އިކޯ-ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަސްމާލެއަކީ، ކުރިމަގުގައި ކަނޑުގެ ލޮނުގަނޑު އުފުލޭނެކަމަށް ލަފާކުރާ މިންވަރަށްވުރެ އުސްކޮށް ހިއްކަމުންދާ ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އިން ތުރުކީވިލާތުގައި ކުރިއަށްގެންދިޔަ "ސީ-ލެވެލް ރައިސް: މަލްޓި-ލެވެލް އެކްޝަން ފޯ ކޯސްޓަލް ރެޒިލިއަންސް" ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މޫސުމީ ނާޒުކުކަމަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލު އެކަމެއްގެ މައްޗަށް ބިނާވެ، ކަނޑައެޅިގެންދާނެ ކަމެއް ނޫން ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ތަރައްޤީއަށް ކުރިމަތިވާ ވަގުތީ ގޮންޖެހުމެއްގެ އިތުރުން، ދިވެހިރާއްޖޭގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި، އެ ނުރައްކަލުން ރާއްޖޭގެ ރަށްތަކާއި ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަޒުމު އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
Ads by BMLދިވެހިރާއްޖޭގެ ރަށްތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ގެދޮރާއި، ތާރީޚާއި، އަމިއްލަވަންތަކަން ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލިގެން ދިޔުމަކީވެސް ޤައުމުގެ އިސްތިޤްލާލަށާއި ތަރިކައަށް ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ބަޔާންކުރައްވައި، ދިވެހީންނަށް އަމިއްލަ ރަށްތަކުގައި ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކޮށްދިނުމަކީ ޤައުމީ ފެންވަރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، ޤުދުރަތީ ގޮތުން ރަށްތައް ޙިމާޔަތްކޮށްދޭ ފަރުތަކާއި ކުޅިތަކުގެ އިތުރުން ގޮނޑުދޮށްތައް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށު ފެންވަރުގައި ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތާއި މާލީ އެހީތެރިކަން މުޖުތަމަޢުތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ފެންވަރުގައި ކުރެވިފައިވާ އިންވެސްޓްމަންޓްތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެއަކީ އުސްކޮށް ހިއްކައިގެން ރާއްޖޭގެ މޫސުމީ ރައްކާތެރިކަމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. ހަމައެއާއެކު، ރަސްމާލެ މަޝްރޫޢާއެކު ކުރެވެމުންދާ މަސައްކަތްތަކަކީ، މޫސުމީ ވިލުންވެރިކަން ޤައުމީ ތަރައްޤީގެ ތެރޭގައި ހިމަނައިގެން، 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކާރިސާތައް ހިނގުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ތަރައްޤީގެ މައި ޕްލޭންތަކުގައި މޫސުމީ ވިލުންވެރިކަމާއި 'ކްލައިމެޓް މޮބިލިޓީ' ހިމެނުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ. އަދި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ލިބޭ އެހީތެރިކަމަކީ ޚައިރާތެއްގެ ބަދަލުގައި، މޫސުމީ އިންސާފުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ފަސޭހައިން ލިބެންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށް ކާބަފައިންގެ ބިމުގައި ދިރިއުޅެ ކުރިއެރުން ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރާއްޖޭގެ ރަށްތައް ޙިމާޔަތްކުރުމުގައި ސަރުކާރުން ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
Ads by MACL
