ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޫސުމީ މާލީ އެހީ ލުއިކޮށްދިނުމަށް ބައިނަލްއަޤްވާމީ މާލީ ނިޒާމު އިޞްލާޙުކުރަންޖެހޭ: ރައީސް

ކޮޕް31 ގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލާއެކު ބޭއްވި އެއޯސިސް ލީޑަރުންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް).
ކޮޕް31 ގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލާއެކު ބޭއްވި އެއޯސިސް ލީޑަރުންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް).

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ނާޒުކު ޙާލަތްތަކަކީ، އެ ޤައުމުތަކަށް ލުއި ގޮތެއްގައި މޫސުމީ މާލީ އެހީ ހޯދުމަށް އޮތް ހުރަހަކަށް ނުވާނެ ފަދަ ގޮތަކަށް، ބައިނަލްއަޤްވާމީ މާލީ ނިޒާމު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޕް31 ސަމިޓްގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލާއެކު ބޭއްވި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ލީޑަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާއިރު، އެ ލަނޑުދަނޑި ހާސިލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމީ ބަދަލުތައް ކަމަށެވެ. އެހެންކަމުން، މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ މޫސުމީ މާލީ އެހީއާއި، މާލީ ނިޒާމު އިޞްލާޙުކުރުމުގެ އިތުރުން ވަޢުދުތައް ޢަމަލީ ގޮތުން ތަންފީޒުކުރުމުގެ މައްޗަށް ބިނާވެފައިވާ މަސައްކަތްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ މާލީ އެހީއަކީ އެކަށީގެންވާ، ފަސޭހައިން ލިބޭ، އަދި ހިލޭ އެހީގެ އުސޫލުން ލިބޭ އެއްޗަކަށް ވާންޖެހޭކަން ފާހަގަކުރައްވައި، ކުރިމަތިވެދާނެކަމަށް ބެލެވޭ "ސުޕަރ އެލް ނީނޯ" ގެ އަސަރުތަކަށް ރިޢާޔަތްކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީ އިތުރުކުރުމަށާއި "ލޮސް އެންޑް ޑެމޭޖް ފަންޑް" އަށް އަވަހަށް ފައިސާ ޖަމާކުރުމަށް ރައީސް ގޮވާލެއްވިއެވެ.

މީގެ އިތުރުން، ޤައުމުތަކުގެ ޙިއްޞާ ވަރަށް ކުޑަ ކާރިސާއަކުން އަރައިގަތުމަށްޓަކައި ބޮޑު އިންޓަރެސްޓްގައި ލޯނު ނަގަން މަޖުބޫރުވެގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އޮތް މާލީ އިންތިޒާމުތަކުގެ ސަބަބުން ނާޒުކު ޤައުމުތަކުގެ ދަރަނީގެ ބުރަ އިތުރުވާކަން ފާހަގަކުރައްވައި، މޫސުމީ ވިލުންވެރިކަމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދިގު މުއްދަތުގެ އިޤްތިޞާދީ ފައިދާ ބަލައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ސިޑްސް ޤައުމުތަކުން އެދެނީ ޚައިރާތަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫންކަމަށާއި، އެދެނީ މޫސުމީ އިންސާފަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޙަޤީޤީ އިމްތިޙާނަކީ ވާ ވަޢުދުތަކެއް ނޫންކަމަށާއި، ނެރެދެވޭ ޢަމަލީ ނަތީޖާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ދައުރުގައި ސިޑްސް ޤައުމުތަކަށް ދެއްވި ސާބިތު އެއްބާރުލުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ދައުރު ނިމުމަކާ ގާތްވަމުންދާއިރު ކުރިމަގަށް ހެޔޮ އެދުންތައް ރައްދުކުރެއްވިއެވެ.