ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި
ކޮޕް31 ސަމިޓްގެ ހަވާސާގައި ބޭއްވި "ޒީރޯ ވޭސްޓް މިއުޒިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި މިއުޒިއަމަކީ "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ ނުވަ އަހަރުގެ ދަތުރު ދައްކުވައިދީ، ތުރުކީވިލާތާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެ ޙަރަކާތުން ހޯދާފައިވާ ކާމިޔާބީތަކާއި، ސަރކިއުލަރ އިކޮނޮމީގެ ނަމޫނާތައް ފެންނަން ހުންނާނެ މިއުޒިއަމެކެވެ.
މި މިއުޒިއަމްގެ މައުރަޒުތަކުގައި، ކުނީގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކުނި ރީސައިކަލް ކުރުމުގެ މަރުޙަލާތަކާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން، ތަކެތި އަލުން ބޭނުންކުރުމާއި ކުނިން ފަންނުވެރި އުފެއްދުންތައް އުފެއްދުމުގެ ޢަމަލީ ގޮތްތައް ދައްކުވައިދެއެވެ. މީގެ އިތުރުން، ޒަމާނީ އިންޓަރެކްޓިވް ޑިސްޕްލޭތަކާއި ޑިޖިޓަލް އެޕްލިކޭޝަންތައްވެސް މި މިއުޒިއަމްގައި ވަނީ ޤާއިމުކޮށްފައެވެ.
Ads by BMLފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މި މިއުޒިއަމަށް ކުރެއްވި ޒިޔާރަތުގައި، މައުރަޒުތައް ބައްލަވާލައްވައި، "2035 ވިޝް ވޯލް" ގައި ކުރިމަގަށް އަމާޒުކޮށް އެކަމަނާގެ ޝުޢޫރުތައް ލިޔުއްވިއެވެ. އަދި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޒައިތޫނި ގަހެއްގެ ވަށައިގެން ހަދާފައިވާ "ޕްލެޖް ޓްރީ" އަށް ޒިޔާރަތްކުރާ ފަރާތްތަކުން ތިމާވެށި ރައްކާތެރިކުރުމަށް ވާ ވަޢުދުތައް، ގަހުގެ ފަތުގެ ސިފައިގައި ހަދާފައިވާ ކާޑުތަކުގައި ލިޔެ ހަރުކުރުމުގެ އިންތިޒާމުވެސް މި މިއުޒިއަމްގައި ވަނީ ހަމަޖައްސާފައެވެ.
މި މިއުޒިއަމްގެ ސަބަބުން، ބައިނަލްއަޤްވާމީ ފެންވަރުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ކުނި މަދުކުރުމުގައި ތުރުކީވިލާތުން ހޯދާފައިވާ ތަޖުރިބާތައް ތަޢާރަފުވެ، ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމާއި ސަރކިއުލަރ އިކޮނޮމީއަށް އާންމުން ހޭލުންތެރިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
Ads by MACL
