ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން: ގަވަރުނަރު

އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު. ފޮޓޯ: އަދަދު
އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު. ފޮޓޯ: އަދަދު

ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް މިހާރު ވަންނަނީ އެންމެ 65 އިންސައްތަ ކަމަށާއި، އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކާއެކު، ބޭރު ފައިސާ މާރުކުރުމާއި ޖަމާކުރުމުގެ ކަންކަން ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ރިސޯޓުތަކާއި ވިޔަފާރިތަކުން އާމްދަނީ ޖަމާކުރުމަށް ޚާއްޞަ އެކައުންޓެއް ބެހެއްޓުމަށް އަންގާފައިވާ ކަމަށާއި، އަންނަ އަހަރު މިކަން އިތުރަށް މޮނިޓަރކޮށް ފިޔަވަޅުތައް ހަރުކަށި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާގެ އާމްދަނީއަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، އެ ދާއިރާއަށް އަހަރަކު 5.9 ބިލިޔަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިޔަން ޑޮލަރެވެ.

ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއް ބޭންކުތަކަށް ވަންނަނަމަ، އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އާމްދަނީން ޓެކްސް (އިންކަމް ޓެކްސް) ދައްކަނީ އެންމެ 50 ވަރަކަށް ރިސޯޓުން ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރައްވައި، އެކަމުގައި ކަންބޮޑުވުންތަކެއް ހުރިކަން ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ބަޖެޓުގެ ޖުމްލަ އަދަދު މިއަހަރަށްވުރެ ކުޑަނަމަވެސް، ބަޖެޓު ޑެފިސިޓް ބޮޑުވުމަކީ ދަރަނި އިތުރުވާނެ ކަމެއް ކަމަށެވެ. އަދި މިއަހަރު ބަޖެޓު ފައިނޭންސް ކުރުމަށް އެންމެ ބޮޑަށް ބަރޯސާވެފައިވަނީ އެތެރޭގެ ބާޒާރަށް ކަމަށްވާތީ، ބޭރުގެ ފަރާތްތަކުން ފައިނޭންސިން ހޯދުމަށް ސަރުކާރަށް ލަފާދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި، ކޮންސްޓްރަކްޝަން އަދި ދަތުރުފަތުރުގެ ދާއިރާއަށް އަސަރުކޮށް، މިއަހަރުގެ ޖީޑީޕީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދަށްކޮށް މުރާޖަޢާ ކުރަން ޖެހުނު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެހެންނަމަވެސް، ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ފުޅާވެ، ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ހަރުދަނާވުމާއެކު، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.