ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން؛ ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނެ: ޚުޠުބާ
މާތް ﷲ ދެއްވާ ނިޢުމަތްތަކަށް ޝުކުރުވެރިވާ މީހުންނަށް އެ ނިޢުމަތްތައް އިތުރުކޮށްދެއްވާނޭ ކަމަށާއި، ނިޢުމަތްތަކަށް ފުރަގަސްދޭ ބަޔަކަށް ގަދަފަދަ ޢަޛާބު ދެއްވާނޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މަޢުޟޫޢަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ޝުކުރުވެރިވުމެވެ. އިންސާނުންގެ މައްޗަށްވާ މާތް ﷲ ގެ ނިޢުމަތްތަކަކީ ގުނައި ޢަދަދު ނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކެއްކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި:
• ޝުކުރުވެރިވުމުގެ ޙަޤީޤީ މާނަ: ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުމެވެ. ޝުކުރުވެރިވުން ފުރިހަމަވަނީ އިންސާނާގެ ހިތާއި، ދުލާއި، ގުނަވަންތައް އެކަމުގައި ޝާމިލުކޮށްގެންނެވެ.
• މީސްތަކުންނަށް ޝުކުރުއަދާކުރުން: މާތް ﷲ އަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުއަދާކުރުމަކީ އިސްލާމީ ތަރުބިޔަތުގައި ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް ދީނުގައި އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
• ނިޢުމަތްތައް ދެމެހެއްޓުން: ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށެވެ. ދަތިޙާލުގައި ވަނިކޮށް ﷲ ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް، އެ ވާހަކަތައް މީހުންނަށް ކިޔައިދިނުމަކީވެސް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
Ads by BMLދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓުމަށްޓަކައި، ދުނިޔަވީ ކަންކަމުގައި ތިމާއަށްވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ﷲ ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ. ހަމައެހެންމެ، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ﷲ ރުހިވޮޑިގަންނަވާ ކަންކަމުގައި ނިޢުމަތްތައް ހޭދަކުރުމަށްވެސް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.
Ads by MACL
