ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ﷲ ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކޮށް، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވުމަށް ގޮވާލުން: ހުކުރު ޚުޠުބާ

ﷲ ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކޮށް، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވުމަށް ގޮވާލުން: ހުކުރު ޚުޠުބާ

މާތް ﷲ ދެއްވާ ނިޢުމަތްތަކަށް ޝުކުރުވެރިވާ މީހުންނަށް އެ ނިޢުމަތްތައް އިތުރުކޮށްދެއްވާނޭ ކަމަށާއި، ނިޢުމަތްތަކަށް ފުރަގަސްދޭ ބަޔަކަށް ގަދަފަދަ ޢަޛާބު ހުރިކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދެއްވައިފިއެވެ.

"ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށެވެ. އަދި އިންސާނުންގެ މައްޗަށްވާ ﷲ ގެ ނިޢުމަތްތަކަކީ ގުނައި ޢަދަދު ނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކެއްކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުމެވެ. މި އަޅުކަން ފުރިހަމަވަނީ އިންސާނާގެ ހިތާއި، ދުލާއި، ގުނަވަންތައް އެކަމުގައި ޝާމިލުކޮށްގެން ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް އަލިއަޅުވާލި މުހިންމު ކަންކަމުގެ ތެރޭގައި:
• މީސްތަކުންނަށް ޝުކުރުއަދާކުރުން: ﷲ އަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުއަދާކުރުމަކީ އިސްލާމީ ތަރުބިޔަތުގައި ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް ދީނުގައި އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
• ނިޢުމަތްތައް ހަނދާންކުރުން: ދަތިޙާލުގައި ވަނިކޮށް ﷲ ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް، އެ ވާހަކަތައް މީހުންނަށް ކިޔައިދިނުމަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
• އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވުން: ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ، ދުނިޔަވީ ކަންކަމުގައި ތިމާއަށްވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ﷲ ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކޮށްގެންނެވެ. އަދި އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ﷲ ރުހިވޮޑިގަންނަވާ ކަންކަމުގައި ނިޢުމަތްތައް ހޭދަކުރުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.