ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޯޓީޕީ ހިއްސާ ނުކުރޭ: އެ ކޯޑު ދީފިނަމަ ފޯނު ލައިނާއި ބޭންކް އެކައުންޓް ގެއްލިދާނެ

އޯޓީޕީ ހިއްސާ ނުކުރޭ: އެ ކޯޑު ދީފިނަމަ ފޯނު ލައިނާއި ބޭންކް އެކައުންޓް ގެއްލިދާނެ

މަކަރާއި ހީލަތުން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދައިގެން، މޮބައިލް ނަންބަރު އީ-ސިމަށް ބަދަލުކޮށް ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރާ މައްސަލަތައް އިތުރުވަމުންދާތީ، މިކަމަށް އާންމު ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، ފާއިތުވި މަސްދުވަހުގެ ތެރޭގައި ސްކޭމަރުން އެންމެ އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ، އެ މީހަކު މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ ކުރިން އެހެން މީހަކު ގެންގުޅުނު ނަންބަރެއް ކަމަށް ބުނެ ގުޅައި އޮޅުވާލުމެވެ. އެގޮތުން، ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދުމަށް (ރިކަވަރ ކުރުމަށް) ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަކަރާއި ހީލަތުން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މިގޮތަށް އަތުލައިގަންނަ ކޯޑުތަކާއި ލިންކުތައް ބޭނުންކޮށްގެން ސްކޭމަރުން ކުރާ އެންމެ ނުރައްކާތެރި ކަމަކީ، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް ކުށްވެރިންގެ އަމިއްލަ ފޯނަށް ބަދަލުކުރުމެވެ. މީގެ ސަބަބުން އެ މީހާގެ ފޯނު ލައިންގެ ކޮންޓްރޯލް ސްކޭމަރުންނަށް ލިބި، ބޭންކިންގ އެސްއެމްއެސް އެލާޓްތަކާއި ކޯލްތައް އެ މީހުންނަށް ލިބެން ފަށައެވެ. އަދި އޭގެ ފަހުން އެ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ބޭންކް އެކައުންޓްތަކަށް ވަދެ ފައިސާ ފޭރިގަންނަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް ސްކޭމުގެ 38 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 356,163.40 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާއިރު، ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތައް ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 245,389.64 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުން ދެއްވާ އިރުޝާދުތައް:
• ކޯޑު ހިއްސާ ނުކުރުން: ބޭންކަކުން، ޓެލެކޮމް ކުންފުންޏަކުން ނުވަތަ ރައްޓެއްސެއް ކަމަށް ބުނެ ގުޅި ނަމަވެސް، އޯޓީޕީ، ޕިން ނުވަތަ ވެރިފިކޭޝަން ލިންކެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުން.
• ނުދަންނަ ކޯލްތަކަށް ސަމާލުވުން: އެކައުންޓް ރިކަވަރ ކުރުމުގެ ރަސްމީ މަރުހަލާގައި، ކުރިން ނަންބަރު ބޭނުންކުރި މީހާ މިހާރު އެ ނަންބަރު ގެންގުޅޭ މީހާއަށް ގުޅަން ނުޖެހޭނެތީ، އެފަދަ އާދޭސްތަކަށް އިޖާބަ ނުދިނުން.
• ސިގްނަލް ގެއްލުމުން އަވަހަށް އެންގުން: ސަބަބެއް ނެތި ކުއްލިއަކަށް ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ގެއްލިއްޖެނަމަ، އެއީ އީ-ސިމަށް ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެތީ ވަގުތުން ޓެލެކޮމް ޕްރޮވައިޑަރަށް ގުޅުން.

މިފަދަ ޝައްކުކުރެވޭ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާ ކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އިމަޖެންސީ ސެންޓަރަށް ރިޕޯޓުކޮށް، އެކައުންޓްތައް ފްރީޒްކުރުމަށް ބޭންކަށް ގުޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ސޯޝަލް މީޑިއާ އެކައުންޓްތައް އަނބުރާ ހޯދުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ އެދިފައެވެ.