ގްރީން ފައިނޭންސާއި މާލީ ރައްކާތެރިކަމަށް އަމާޒުކޮށް ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 މާދަމާ ފަށަނީ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރާ “މޯލްޑިވްސް ފައިނޭންސް ފޯރަމް 2026” މާދަމާ ޑުސިޓް ޑީ2 ފޭދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމް ބާއްވާ މިއީ 13 ވަނަ ފަހަރެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފޯރަމްގެ މިއަހަރުގެ މައުޟޫއަކީ “ގްރީން ފައިނޭންސް: ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން” މިއެވެ.
މާދަމާގެ ފޯރަމްގައި މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި، ރެގިއުލޭޓަރީ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ތަރައްގީގެ ބައިވެރިންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ދިގުމުއްދަތުގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމުގައި ގްރީން ފައިނޭންސް އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
Ads by BMLތިމާވެއްޓަށް ބަރޯސާވާ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްގީއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ހޯދުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމުގައި ގްރީން ފައިނޭންސަކީ ދައުލަތުގެ ވަސީލަތްތަކާއި އަމިއްލަ ފަރާތްތަކުގެ ރައުސްމާލު ގުޅުވައިދޭނެ މުހިންމު ފާލަމެކެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރެވެ. އެ އޮފީހުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފަންޑު ވަނީ 30.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މި ސްކީމުގައި 204,549 މީހުން ބައިވެރިވެފައިވެއެވެ.
މި ފޯރަމްގައި މެންބަރުންގެ ރިޓަޔަރމަންޓް ފައިސާ ރައްކާތެރިކުރުމާއެކު، ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓަރުންނަށް ހިއްސާވެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެއެވެ.
ފޯރަމްގައި ކުރިއަށްދާނެ މުހިންމު ސެޝަންތައް:
• ހާއްސަ ޕްރެޒެންޓޭޝަން: ރާއްޖެއަށް ގްރީން ފައިނޭންސްގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުން.
• ޕެނަލް ޑިސްކަޝަން: މޫސުމީ ބަދަލުތަކުގެ ސަބަބުން ގޭބިސީތަކަށާއި، ކުދި ވިޔަފާރިތަކަށް އަދި ރަށްރަށަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
• ރައުންޑް ޓޭބަލް މަޝްވަރާ: ރެގިއުލޭޓަރީ އިދާރާތަކާއެކު ގާނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ ދަށުން މާކެޓުގެ އިތުބާރު ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ހިޔާލު ބަދަލުކުރުން.
• ނިންމުމުގެ ޕެނަލް: މޫސުމީ ނުރައްކާތައް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތަކަކަށް ބަދަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
މީގެ އިތުރުން، ކުދި ޖަޒީރާ ގައުމުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގެ ތަޖުރިބާތައްވެސް މި ފޯރަމްގައި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ފޯރަމްގެ ހުރިހާ ސެޝަނެއްވެސް އެ އޮފީހުގެ މީސް މީޑިއާ މަންސަތައް މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެއެވެ.
Ads by MACL
