ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލޭ މަޝްރޫއަށް އަދާލަތުގެ ތާއީދު؛ ސިޔާސީ މަސްލަހަތަށްވުރެ ގައުމު އިސްކުރި ހިތްވަރުގަދަ ނިންމުމެއް!

ރަސްމާލޭ މަޝްރޫއަށް އަދާލަތުގެ ތާއީދު؛ ސިޔާސީ މަސްލަހަތަށްވުރެ ގައުމު އިސްކުރި ހިތްވަރުގަދަ ނިންމުމެއް!

ރަސްމާލޭގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ “މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ” މަޝްރޫއަށް އަދާލަތު ޕާޓީން ތާއީދުކުރުމާ ގުޅިގެން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީއަށް ހޫނު މަރުހަބާއަކާއި ޝުކުރު އަދާކޮށްފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ‘ހޮލިޑޭ ހޯމް’ މޮޑެލްއަށް އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަށް އަދާލަތު ޕާޓީން ތާއީދުކުރުމަކީ އަގުވަޒަންކުރާ ކަމެއް ކަމަށެވެ. އަދި އެ ޕާޓީގެ ލީޑަރޝިޕަށާއި، އެކި ގުނަވަންތަކުގެ އިތުރުން އާންމު މެންބަރުންނަށް ޕީއެންސީން ވަނީ މަރުހަބާ ދަންނަވާފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން އަދާލަތު ޕާޓީން ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވަނީ، ބައިނަލްއަގްވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ ފަރާތްތައް ދާއިމީކޮށް ވަޒަންވެރިވާ ސަރަހައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، ޗުއްޓީ ހޭދަކުރެވޭނެ ތަންތަން ތަރައްގީކުރުމަށް ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ފުދުންތެރި އިގްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ބަޔަކު ދާއިމީކޮށް ވަޒަންވެރިވުމުގެ ބަދަލުގައި ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ހާއްސަކުރެވޭ ތަންތަން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މައްޗަށް ދިވެހި ދައުލަތުގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާނެ ކަމަށާއި، އިސްލާމީ އުސޫލުތަކާ ހިލާފު އެއްވެސް އަމަލަކަށް ފުރުސަތު ނުދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި މި އުސޫލުތައް، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ހިމަނާފައިވާ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރަމުން އިގްތިސާދު ފުޅާކުރުމަށް މަގުފަހިވާ މިފަދަ މަޝްރޫއަކަށް އަދާލަތު ޕާޓީން ތާއީދުކުރުމަކީ، ސިޔާސީ މަސްލަހަތަށްވުރެ ގައުމާއި ރައްޔިތުންގެ ހައްގު އިސްކޮށް ނިންމި ހިތްވަރުގަދަ އަދި އިންސާފުވެރި ނިންމުމެއް ކަމަށް ޕީއެންސީން ސިފަކުރެއެވެ.

ހަމައެއާއެކު، އެހެން ސިޔާސީ ޕާޓީތަކުންވެސް އަދާލަތު ޕާޓީގެ މި ނިންމުމުން ނަމޫނާ ލިބިގަނެ، ކުރު މުއްދަތުގެ ސިޔާސީ މަންފާއަށްވުރެ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީ އިސްކުރުމަށާއި، މި މަޝްރޫއާ މެދު އިހުލާސްތެރިކަމާއެކު ވިސްނުމަށް ޕީއެންސީން ވަނީ އިލްތިމާސްކޮށްފައެވެ.