ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ: ރައީސް
ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވާލައްވައިފިއެވެ.
މިއަދު އެކްސް މެދުވެރިކޮށް ދެއްވި ހާއްސަ މެސެޖުގައި ރައީސް ވަނީ، އިސްލާމްދީނާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި ދޮންބަންޑާރައިން ސުލްތާން ޣާޒީ ހަސަން އިއްޒުއްދީން ކުރެއްވި މަތިވެރި ޖިހާދު ފާހަގަކުރައްވާފައެވެ. އަދި މަލާބާރީންގެ އަތްދަށުން ގައުމު ސަލާމަތްކޮށްދެއްވި އެ ބަތަލުގެ ފުރާނަފުޅަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ދުއާ ދެންނެވިއެވެ.
ހުރަވީ ހާދިސާއަށް ގާތްގަނޑަކަށް ތިން ގަރުނު ފުރެން ގާތްވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު މިނިވަންކަން ދިފާއުކުރާނެ ގޮތާ މެދު ފުންކޮށް ވިސްނައި، ތާރީހުން ފިލާވަޅު ލިބިގަތުން ނުހަނު މުހިންމު ކަމަށެވެ.
އެމަނިކުފާނު ބާރުއެޅުއްވީ ޒާތީ އަރާރުންތަކުގެ ބަދަލުގައި ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރުމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފުދުންތެރިކަމާއި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދިނުމަށްވެސް ރައީސް ގޮވާލެއްވިއެވެ.
Ads by BML“ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔާން އެބަ ޖެހޭ،” ރައީސް ވިދާޅުވިއެވެ.
ހުރަވީ ދުވަހަކީ މަލާބާރީންގެ އިސްތިއުމާރުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ގައުމީ ނަސްރުގެ ހަނދާން އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ.
Ads by MACL
