ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ސައިބަރ ސެކިއުރިޓީގެ މުހިންމު 3 ބިލެއް މަޖިލީހުގެ ދިރާސާ މަރުހަލާއަށް!
ދިވެހިރާއްޖޭގެ ޑިޖިޓަލް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ޒަމާނީކޮށް، ޤާނޫނީ ގޮތުން ހަރުދަނާކުރުމަށްޓަކައި ހުށަހަޅާފައިވާ މުހިންމު ތިން ބިލެއް، ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ކޮމިޓީން ރަސްމީކޮށް ރެކޯޑުކޮށް، އެ ބިލުތައް ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިގޮތުން ކޮމިޓީން ރެކޯޑުކޮށްފައިވަނީ، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް އެކުލަވާލާފައިވާ “މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު” އާއި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކައްޕި ހުށަހެޅުއްވި “ޑޭޓާ ޕްރޮޓެކްޝަން ބިލު” ގެ އިތުރުން، މެންބަރު ޙުސައިން ނާޞިޙް ހުށަހެޅުއްވި “ސައިބަރ ސެކިއުރިޓީ ބިލު” އެވެ. މި ބިލުތައް ކޮމިޓީގެ ރަސްމީ އެޖެންޑާގައި ހިމެނި، ރެކޯޑުކުރެވިގެން ދިއުމާއެކު، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ކަށަވަރުކުރުމުގެ އިތުރުން ސައިބަރ ޙަމަލާތަކުން ޤައުމު ރައްކާތެރިކުރުމާ ގުޅޭ ޤާނޫނީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނީ ސިފަ ގެނައުމުގެ މަސައްކަތް މިވަނީ ރަސްމީކޮށް ފެށިފައެވެ.
ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރުންނާއި ވިޔަފާރިވެރިން ފާހަގަކުރައްވާ ގޮތުގައި، ޑިޖިޓަލް ދާއިރާގައި ހަރުދަނާ އަދި އިތުބާރު ހުރި ޤާނޫނީ އޮނިގަނޑެއް ޤާއިމުވެގެންދިއުމަކީ ކޯޑިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދަސްކުރާ ދަރިވަރުންނަށާއި، ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ އައު ޓެކްނޮލޮޖީ ސްޓާޓްއަޕްތައް ރައްކާތެރިކަމާއެކު ކުރިއެރުވުމަށް ލިބިގެންދާނެ ނުހަނު ބޮޑު ބާރެކެވެ. ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް ޒަމާނީ ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދީ، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މާކެޓުތަކުގައި ވާދަކޮށް، އެ މާކެޓުތަކަށް ވާސިލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މި ބިލުތަކުގެ ސަބަބުން އިތުރު ކުރިއެރުމާއި ރައްކާތެރިކަން ލިބިގެންދާނެއެވެ.
Ads by BMLމީގެ އިތުރުން، ކޮމިޓީގެ މި މަސައްކަތަކީ ސަރުކާރުގެ “ކްރިއޭޓިވް އިކޮނޮމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން” ގެ ދަށުން، ކޯޑިންގ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ދާއިރާއިން ތަމްރީނު ދިނުމާއި ދިރާސާކުރުމަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމުގެ ސިޔާސަތާ ސީދާ ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. އަދި ސަރަޙައްދީ ވާދަވެރިންނާ އެއްހަމައެއްގައި ދިވެހިރާއްޖެ ފައިތިލަ ސާބިތުކުރުމަށްޓަކައި، ކޯޑިންގ ދާއިރާއިން ދިރާސާކުރުމާއި، ފަންނީ ތަމްރީނު ދިނުމުގެ އިތުރުން މާކެޓަށް ވާސިލުވުމުގެ ފުރުޞަތު ފަހިކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު (ވަޢުދު 9.5) ޢަމަލީގޮތުން ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްވެސް މެއެވެ.
Ads by MACL
