ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލީ ވެށި ޙިމާޔަތްކޮށް، އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ”ގްރީން ފައިނޭންސް“ ގެ ދައުރު ބޮޑު

ތިމާވެށި ޙިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މާލީ އިންވެސްޓްމަންޓްތަކަކީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަމުގެ މުހިންމު ބައެއް....
ތިމާވެށި ޙިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މާލީ އިންވެސްޓްމަންޓްތަކަކީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަމުގެ މުހިންމު ބައެއް....

މޫސުމީ ނުރައްކާތަކުން އިޤްތިޞާދު ޙިމާޔަތްކުރުމަށް “ގްރީން ފައިނޭންސް” ގެ ދައުރު ނުހަނު މުހިންމު
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ ޤައުމުގެ އިޤްތިޞާދުގެ މައިބަދައާ ލާމެހިފައިވާ އަސާސީ ތަނބަކަށް ވީހިނދު، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ދުވެއްޔަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މި ނުރައްކާތަކުން އަރައިގަނެ، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތިމާވެށްޓާ ރައްޓެހި އިންވެސްޓްމަންޓްތައް ނުވަތަ “ގްރީން ފައިނޭންސް” ފުޅާކުރުމަކީ މިއަދު ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ޒަރޫރަތެވެ.

މޫސުމީ ބަދަލުތަކުގެ ސީދާ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ އެއް ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ޙިއްޞާއެއް އަދާކުރާ މަސްވެރިކަމުގެ ސިނާޢަތެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، 1998 އާއި 2023 އާ ދެމެދު އަހަރަކު އެވްރެޖްކޮށް 140,000 ޓަނުގެ މަސް ބޭނުނު ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 107,666 ޓަނަށް ވެއްޓިފައެވެ. ޚާއްޞަކޮށް 2024 ވަނަ އަހަރުގެ ޖުލައި މަހަކީ 1985 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބު ބަލަހައްޓަން ފެށި ފަހުން މަސްވެރިކަން އެންމެ ބޮޑަށް ދަށްވި މަހެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މަހުގެ އެކްސްޕޯޓް ވަނީ 2010 ވަނަ އަހަރަށް ފަހު އެންމެ ދަށަށް ގޮސްފައެވެ.

ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްއައިންތައް ފުން ކަނޑުތަކަށް ހިޖުރަކުރަމުންދާއިރު، އެން ހޯދުމަށާއި މަސް ބޭނުމަށް މަސްވެރިންނަށް ދިގު ދަތުރުތައް ކުރަންޖެހުމުގެ ސަބަބުން ޚަރަދު ބޮޑުވެ، ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. 2025 ވަނަ އަހަރު ރާއްޖޭގެ އެކްސްޕޯޓްގެ 93 އިންސައްތަ މަހުގެ އުފެއްދުންތަކަށް ވެފައިވާއިރު، މި ސިނާޢަތަށް އަންނަ ކޮންމެ ލޮޅުމަކީ މުޅި ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވާ ބޮޑު ހީނަރުކަމެކެވެ.

މަސްވެރިކަމުގެ އިތުރުން، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، އުދައެރުމުގެ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ފެންބޮޑުވުމާއި، 2026 ވަނަ އަހަރުގެ ޖުލައި މަހު މާލޭގެ ބޮޑުތަކުރުފާނު މަގަށް އުދައަރައި ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކަކީ މިކަމުގެ ހެކިތަކެވެ.

ހަމައެއާއެކު، އިރުވައި މޫސުމުގައި ރަށްރަށަށް ފެނުގެ ދަތިކަން ކުރިމަތިވުމާއި، ނޮޅިވަރަންފަރު ފަދަ ރަށްރަށުގެ ދަނޑުވެރިކަމަށް ބޭނުންކުރާ ފެންފަށަލަ ލޮނުވުމަކީ، ކާބޯތަކެތީގެ 90 އިންސައްތައަށް ވުރެ ބޮޑު ބައެއް އިމްޕޯޓްކުރާ ރާއްޖެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބޮޑު ގޮންޖެހުމެކެވެ.

އިޤްތިޞާދަށް ކުރިމަތިވެފައިވާ އަނެއް ބޮޑު ބުރައަކީ ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވާން ޖެހިފައިވާ މިންވަރެވެ. މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު ރާއްޖެއިން 710 މިލިއަން އެމެރިކާ ޑޮލަރުގެ ތެޔޮ އެތެރެކޮށްފައިވާއިރު، މިއީ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ ގާތްގަނޑަކަށް 9 އިންސައްތައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ ސަބަބުން ކަރަންޓާއި، ދަތުރުފަތުރާއި، އާންމު ދިރިއުޅުމުގެ ޚަރަދުތައް އުފުލިގެންދެއެވެ.

މިފަދަ މޫސުމީ އަދި އިޤްތިޞާދީ ހިރާސްތަކުގެ ސަބަބުން ލޯނުތައް އަނބުރާ ދެއްކުމަށް ދަތިވެ، ވިޔަފާރިތަކަށް ކުއްލި ގެއްލުންތައް ކުރިމަތިވުމަކީ އާންމު ފަރުދުން މުސްތަޤްބަލަށް ފައިސާ ރައްކާކުރުމުގެ ޤާބިލުކަން ކުޑަވެގެންދާ ކަމެކެވެ. މިއީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުންގެ މުސްތަޤްބަލުގެ މާލީ ރައްކާތެރިކަމާއި، ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކާވެސް ސީދާ ގުޅިފައިވާ މައްސަލައެކެވެ.

މި ގޮންޖެހުންތަކަށް އޮތް އެންމެ ހަރުދަނާ ޙައްލަކީ “ގްރީން ފައިނޭންސް” ކުރިއެރުވުމެވެ. މިހާރުވެސް ގްރީން ކްލައިމެޓް ފަންޑާއި ޔޫ.އެން.ޑީ.ޕީގެ އެހީގައި 105,000 އެއްހައި މީހުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން، އެމް.އެމް.އޭ، ޔޫ.އެން.ޑީ.ޕީ އަދި އޭ.އެކްސް.އޭ ކްލައިމެޓް ގުޅިގެން ރާއްޖޭގެ ފަރުތައް އިންޝުއަރ ކުރެވޭނެ އީޖާދީ ނިޒާމެއް ވަނީ ދިރާސާކޮށްފައެވެ.

ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، މާލީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް، ޕެންޝަން އޮފީހާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ބާއްވާ 13 ވަނަ “މޯލްޑިވްސް ފައިނޭންސް ފޯރަމް” މާދަމާ (14 ނޮވެމްބަރު 2026) ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

“ގްރީން ފައިނޭންސް ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓް އަދި މާލީ ރައްކާތެރިކަން” މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ފޯރަމަކީ، ޤައުމުގެ އިޤްތިޞާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.