ފަހަތުން އަރައި ހައްވަ އާއި މާޖިދާ ބީޗް ވޮލީ ޗެމްޕިއަންޝިޕުގެ ތަށި އުފުލާލައިފި
ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް، ފަހަތުން އަރައި ފޯރިގަދަ ކުޅުމަކާއެކު ވީއޭއެމް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާއިން ހޯދައިފިއެވެ.
މާލޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ހައްވަ އާއި މާޖިދާގެ ޕެއާއިން ކުރިހޯދީ އާމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާއާ ވާދަކޮށް 2-1 ސެޓުންނެވެ.
މެޗުގެ ފެށުން ރަނގަޅުކޮށް ފުރަތަމަ ސެޓު 21-16 އިން އަރީޝާ އާއި އަނާލްގެ ޕެއާއިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ހައްވަ އާއި މާޖިދާ ވަނީ ކުޅުން ވަރުގަދަކޮށް 21-14 އިން ސެޓު ގެންގޮސްފައެވެ.
Ads by BMLމުބާރާތުގެ ޗެމްޕިއަނުން ކަނޑައެޅުމަށް ކުޅުނު ނިންމާ ސެޓު ނުވަތަ ތިންވަނަ ސެޓު ނިމިގެންދިޔައީ ވަރަށް ވާދަވެރިކޮށް 17-15 އިން ހައްވަ އާއި މާޖިދާގެ ޕެއާ މޮޅުވެގެންނެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 12 ޕެއާއަކުން ވާދަކޮށްފައިވާއިރު، މުބާރާތުގެ އެންމެ ގަދަ ހަ ޕެއާ ވަނީ މި މަހުގެ 14 އިން 16 އަށް ބާއްވާ ވީއޭއެމް ބީޗް ވޮލީބޯޅަ ލީގަށް ކޮލިފައިވެފައެވެ.
ފައިނަލުގައި ކުޅުނު ދެ ޕެއާގެ އިތުރުން ދެން ލީގުން ފުރުސަތު ލިބުނީ ފާތިމަތު ޒީނިޔާ އާއި މާޔާ ހުސައިން ޞަލާހުގެ ޕެއާ، އާމިނަތު ޝަހާ ޝާމިން އާއި މަރިޔަމް ރިޝްފާގެ ޕެއާ، ހައްވާ ނާޒިމާ އާއި އާމިނަތު ރިޔާސާގެ ޕެއާ އަދި މައިހާ ޢަލީ އާއި މަނާލް އިސްމާޢީލް ރަޝީދުގެ ޕެއާއަށެވެ.
ކުރިއަށް އޮތް ބީޗް ވޮލީބޯޅަ ލީގުގައި ވާދަކުރާ ހަ ޕެއާގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޕެއާއަކަށް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުން ނިމިފައިވާއިރު، ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ.
Ads by MACL
