ޣައްޒާގެ ޖަރީމާތައް ފަޅާއަރުވާލި ”ނާޒާ“ ފިލްމުގެ ޑައިރެކްޓަރުން ހައްޔަރުކުރަން ނަތަންޔާހޫ އަމުރުކޮށްފި
ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ނިޒާމީ ހަމަލާތަކުގެ ހަގީގަތް ހާމަކޮށްދޭ ޑޮކިއުމެންޓްރީ ފިލްމު “ނާޒާ” އަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބެމުންދަނިކޮށް، އެ ފިލްމު އުފެއްދި ފަރާތްތަކާއި އޭގައި މައުލޫމާތު ހިއްސާކުރި ސިފައިންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރައްވައިފިއެވެ.
އިސްރާއީލުގެ ސަރުކާރުން މިހާރު ވަނީ މި ފިލްމަކީ އެ ގައުމުގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެގޮތުން، ފިލްމުގައި އިންޓަވިއު ދިން އިސްރާއީލުގެ އަސްކަރީ އޮފިސަރުންނާއި ސިފައިން ހޯދައި ޖިނާއީ ތަހުގީގެއް ހިންގުމަށާއި، ފިލްމު އުފެއްދި ދެ ޑައިރެކްޓަރުން ކަމަށްވާ ޔުވާލް އަބްރަހަމް އަދި ރޭޗަލް ޒޯރްގެ މައްޗަށް ދައުވާ އުފުލުމަށް ނަތަންޔާހޫ ވަނީ އެ ގައުމުގެ އެޓާނީ ޖެނެރަލް ގާލީ ބަހަރަވް-މިއާރާ އާއި، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރުގެ އިތުރުން ދާޚިލީ ޖާސޫސީ އިދާރާ (ޝިން ބެތު) ގެ ވެރިޔާ ޑޭވިޑް ޒިނީއަށް އަންގަވާފައެވެ.
ޓެލެގްރާމް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ވަނީ ފިލްމު އުފެއްދި ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، މި ފިލްމަކީ ދުނިޔޭގައި ޔަހޫދީންނާ ދެކޮޅުވެރިކަން އުފެއްދުމަށް ހިންގާ ހަރަކާތްތަކަށް ވާގިވެރިވުމުގެ އަމަލެކެވެ. އަދި އިސްރާއީލުގެ ދިފާއީ ބާރުތަކަކީ ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި ސިފަކޮށް، ބައިނަލްއަގުވާމީ ފެސްޓިވަލްތަކުން ތަރުހީބު ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެ ދެ ޑައިރެކްޓަރުންގެ އިސްރާއީލު ރައްޔިތުކަން ބާތިލުކުރުމަށް ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްރާއީލުގެ ސަގާފަތާ ބެހޭ ވަޒީރު މިކީ ޒޯހަރް ވަނީ ވިދާޅުވެފައެވެ.
Ads by BML‘ދަ ގާޑިއަން’ އަދި ‘ޖޭޑަބްލިއު ފިލްމްސް’ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ 80 މިނެޓުގެ މި ޑޮކިއުމެންޓްރީ ބިނާކޮށްފައިވަނީ 2023 އާއި 2025 އާ ދެމެދު ‘+972 މެގަޒިން’، ‘ލޯކަލް ކޯލް’ އަދި ‘ދަ ގާޑިއަން’ އިން ޝާއިއުކުރި ތަހުގީގީ ރިޕޯޓުތަކުގެ މައްޗަށެވެ. ތެލް އަވީވްގެ އިމާރާތްތަކުގެ ފުރާޅުތައް މަތީގައި ރޭގަނޑު ސިއްރިއްޔާތުގައި ނަގާފައިވާ މަންޒަރުތައް ހިމެނޭ މި ފިލްމުގައި، އިސްރާއީލުގެ އަސްކަރީ ޖާސޫސީ އިދާރާގެ އޮފިސަރުންނާއި ސިފައިން ހިމެނޭހެން 24 މީހެއްގެ އިންޓަވިއު ހިމަނާފައިވެއެވެ. އަމިއްލަ ސަލާމަތަށްޓަކައި މޫނާއި އަޑު ބަދަލުކޮށްގެން ދީފައިވާ މި އިންޓަވިއުތަކުގައި، އާންމުން ތިބިކަން އެނގިތިބެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އޮޓޮމޭޓެޑް ސަވައިލަންސް ނިޒާމުތައް ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދޭ ގޮތުގެ ތަފުސީލުތައް ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ ސިނަމާތަކުގައި އެޅުވި އެންމެ ކާމިޔާބު އެއް އުފެއްދުމުގެ ގޮތުގައި ފާހަގަކުރެވޭ “ނާޒާ” އަށް މިހާތަނަށް 47 ގައުމަކުން 1.54 މިލިއަނަށް ވުރެ ގިނަ މީހުން ވަދެފައިވާއިރު، ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި 13.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. ވެނިސް ފިލްމު ފެސްޓިވަލުގައި ސްޕެޝަލް ޖޫރީ ޕްރައިޒް ހާސިލުކޮށް، 25 މިނެޓުގެ މެދުކެނޑުމެއްނެތް އަތްޖެހުމެއް ލިބުނު މި ފިލްމު ވަނީ ޔޫރަޕިއަން ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑޮކިއުމެންޓްރީގެ ޝޯޓްލިސްޓުގައި ވެސް ހިމެނިފައެވެ.
އިސްރާއީލު ސަރުކާރުގެ މި އިންޒާރުތަކާ ގުޅިގެން ޔޫރަޕިއަން ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ ޖެނެރަލް ސެކްރެޓަރީ ރިކާޑޯ ގުޓިއަރޭޒް ވިދާޅުވީ، މިއީ ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ފޮރުވުމަށް އިސްރާއީލުގެ ވެރިކަމުން ކޮންމެ ފަދަ ފިޔަވަޅެއްވެސް އަޅާފާނެކަން ހާމަވާ ކަމެއް ކަމަށެވެ.
ސިނަމާތަކުގައި ދެއްކުމަށްފަހު، އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު “ދަ ގާޑިއަން” ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް މި ޑޮކިއުމެންޓްރީ ހިލޭ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
