ޕެންޝަން ފަންޑު ރައްކާތެރިކުރަން ”ގްރީން ފައިނޭންސް“ އަށް ބަރޯސާވާން ޖެހޭ: ޕެންޝަން އޮފީސް
ދިވެހިރާއްޖޭގެ ޕެންޝަން ފަންޑުގެ 30.3 ބިލިއަން ރުފިޔާ އެއްކޮށް އިންވެސްޓްކޮށްފައިވަނީ ރާއްޖޭގެ މާލީ ބާޒާރުގައި ކަމަށްވާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން އިޤުތިޞާދަށް ކުރިމަތިވާ ލޮޅުންތަކުން މެންބަރުންގެ ފައިސާ ރައްކާތެރިކުރުމަށް “ގްރީން ފައިނޭންސް” ނުވަތަ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހިފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
މާދަމާ ފަށާ “މޯލްޑިވްސް ފައިނޭންސް ފޯރަމް 2026” އާ ގުޅިގެން ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، 204,549 މެންބަރުން ހިމެނޭ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ ޖުމްލަ އަގަކީ ގައުމީ އުފެއްދުންތެރިކަން (ޖީ.ޑީ.ޕީ) ގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައެވެ.
މި ފަންޑުގެ 52.4 އިންސައްތަ ޓްރެޜަރީ ބިލްގައި އަދި 24.6 އިންސައްތަ ޓްރެޜަރީ ބޮންޑުގައި އިންވެސްޓްކޮށްފައިވާއިރު، ބާކީ 23 އިންސައްތަ އިންވެސްޓްކޮށްފައިވަނީ ފިކްސްޑް ޑިޕޮސިޓާއި އިސްލާމިކް ފައިނޭންސް އަދި ރާއްޖޭގެ ކުންފުނިތަކުގެ ހިއްސާގައެވެ.
ޕެންޝަން އޮފީހުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ޖީ.ޑީ.ޕީގެ 20 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމާއި މަސްވެރިކަމަކީ ގުދުރަތީ ފަރުތަކާ ސީދާ ގުޅިފައިވާ ދެ ސިނާއަތެވެ. ނަމަވެސް 2024 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މެދުރާއްޖެތެރޭގެ ފަރުތަކުގެ ބޮޑުބައެއްގެ މުރަކަ މަރުވެ، މަސްވެރިކަން ވަނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް ދަށްވެފައެވެ.
Ads by BMLމި ދާއިރާތަކުގެ އާމްދަނީ ދަށްވުމަކީ އެތައް ހާސް މަސައްކަތްތެރިންނެއްގެ ޕެންޝަން ފަންޑަށް ޖަމާކުރެވޭ މިންވަރު މަދުވެ، ރިޓަޔަރ ކުރާއިރު ލިބޭ އަދަދު ކުޑަވާނެ ކަމެކެވެ.
މީގެ އިތުރުން، ތަކެތީގެ އަގު އުފުލޭ މިންވަރު (އިންފްލޭޝަން) އަށް ވުރެ މަތީގައި ފަންޑުގެ ކުރިއެރުން ހިފެހެއްޓުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު އިންފްލޭޝަން 4.0 އިންސައްތައިގައި ހުރިއިރު، ޕެންޝަން ފަންޑު ކުރިއަރާފައިވަނީ އެންމެ 1.38 އިންސައްތައިގައެވެ. އަދި މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު ތެލަށް ކުރި ޚަރަދު 809 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އިޤުތިޞާދީ އުފެއްދުންތެރިކަމަށާއި ތަކެތީގެ އަގުތަކަށް ސީދާ އަސަރުކުރާ ކަމެކެވެ.
މިފަދަ އިޤުތިޞާދީ އަދި މޫސުމީ ނުރައްކާތަކުން އަރައިގަތުމަށްޓަކައި، ޕެންޝަން އިންވެސްޓްމަންޓްތަކުގައި ދެމެހެއްޓެނިވިކަމަށް ޚާއްޞަ ގައިޑްލައިންތައް އެކުލަވާލުމަށް ވޯލްޑް ބޭންކާއި އައި.އެމް.އެފް އިން ވެސް ވަނީ ލަފާދީފައެވެ.
މާދަމާ ފަށާ 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް ކުރިއަށްދާނީ “ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން” މި ޝިއާރުގެ ދަށުންނެވެ. މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި މާލީ މާހިރުން މަޝްވަރާކުރާނެ އެންމެ މުހިންމު އެއް ކަމަކީ، ތިމާވެށީގެ ނާޒުކު ހާލަތު މާލީ ކުރިއެރުމުގެ ފުރުސަތަކަށް ބަދަލުކޮށް، ގްރީން ފައިނޭންސް މެދުވެރިކޮށް ރައްޔިތުންގެ ޕެންޝަން ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
Ads by MACL
