ޤައުމިއްޔަތުގެ ނިވަލުގައި އިދިކޮޅުން 2028 ގެ ކެމްޕޭން ފަށައި، ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލައިފި: މިނިސްޓަރ ޝިޔާމް
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ނަމުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ ޙަރަކާތަކީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލައި، ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފެށުން ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ސިފަކުރައްވައިފިއެވެ.
ވާދަވެރިންގެ އެއްވުމަށް ރައްދު ދެއްވަމުން، މިނިސްޓަރ ޝިޔާމް ވިދާޅުވީ ޤައުމީ ކަމެއްގައި ނަމަ އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށާއި، ނަމަވެސް ރޭ ފެނިގެންދިޔައީ ޒިންމާދާރު ސިޔާސީ ޕާޓީތަކަކުން ޢަމަލުކުރާނެ ފަދަ ގޮތެއް ނޫން ކަމަށެވެ.
ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ ފަދަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާ ގުޅުންހުރި ބޮޑެތި ނިންމުންތައް، މީގެ ކުރިން ރައްޔިތުންގެ ބަހެއް އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ވެސް ނެތި ނިންމެވި ބޭފުޅުން މިއަދު ދީނާއި ޤައުމިއްޔަތުގެ ވާހަކަ ދެއްކެވުމުން އެ ބޭފުޅުންގެ ސިޔާސީ ނިޔަތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ހާމަވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
Ads by BMLމިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ފަސް އަހަރުގެ ރިޔާސީ ދައުރެއްގައި އިސްލާމްދީނުގެ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވައި، ޤައުމީވަންތަ ސިފަތައް އެންމެ ފުރިހަމައަށް ދައްކަވަމުން ގެންދަވާ ވެރިޔާއެވެ. އަދި މީގެ ކުރިން ވެރިކަން ކުރެއްވި ގިނަ ބޭފުޅުންނާ ޚިލާފަށް، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ރާއްޖެއާއި ބައިނަލްއަޤްވާމީ މައިދާނުގައި ކެރިގެން އެންމެ ބާރަށް ވަކާލާތުކުރައްވާ ލީޑަރަކީ ވެސް ރައީސް ޑރ. މުޢިއްޒު ކަން ޔަޤީންވާ ކަމަށް ވިދާޅުވިއެވެ.
ޤައުމުގެ އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ ތެރެއިން 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި ޚަލާޞްކޮށް، ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކޮށްދީފައިވާ ކަމަށެވެ. މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ރޭޓިންގ މަތިކޮށް، ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނަން ފަށާފައިވާ ކަމަށް ވެސް ބަޔާންކުރެއްވިއެވެ.
އީގަލް ހިލްސް ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވިދާޅުވީ، އެއީ ދިވެހި ތާރީޚު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ އަދި ރާއްޖޭގެ އިޤްތިޞާދީ ނާރެސް މުޅިން ބަދަލުކޮށްލާނެ އުންމީދީ މަޝްރޫޢެއް ކަމަށެވެ. އަދި މަޝްރޫޢުތައް ކިތަންމެ ބިޔަވެފައި އަގުބޮޑުވި ނަމަވެސް، ދިވެހީންގެ ދީނާއި، ސަގާފަތާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ އިތުރުން ޤާނޫނުއަސާސީއަށް އިޙްތިރާމް ނުކުރާ އެއްވެސް ފަރާތަކަށް އަދި އިންވެސްޓްމަންޓަކަށް ވެސް މި ސަރުކާރުން މަރުޙަބާ ނުކިޔާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
ވާދަވެރިންގެ އަމާޒަކީ ރާއްޖެ އަބަދުވެސް “ނާށިގަނޑު ހިފައިގެން” ބޭރު ޤައުމުތަކުގެ ކުރިމަތީގައި ސަލާންޖަހާ ޙާލަތުގައި ބޭއްވުން ކަމަށް ތުހުމަތުކުރައްވަމުން، މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރަކީ ދިވެހި ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އަބުރުވެރި އަދި ތަހުޒީބު ދިރިއުޅުމެއް އުޅޭ ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެއްދެވުން ކަމަށެވެ
Ads by MACL
