ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޫސުމީ ނުރައްކާއަކީ ރިޓަޔަރމަންޓަށް އޮތް ނުރައްކަލެއް: ޕެންޝަން އޮފީހުގެ ސީއީއޯ

މޫސުމީ ނުރައްކާއަކީ ރިޓަޔަރމަންޓަށް އޮތް ނުރައްކަލެއް: ޕެންޝަން އޮފީހުގެ ސީއީއޯ

އަންނަން އޮތް ޖީލުތަކުގެ މާލީ ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ އިޤްތިޞާދީ ވިލުންވެރިކަން ވަރުގަދަކުރުމަށްޓަކައި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް (ގްރީން ފައިނޭންސްއަށް) ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޔަޒްމީދު މިހެން ވިދާޅުވީ، ޕެންޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، މިއަދު ދުސިތް ޑީ2 ފޭދޫ މޯލްޑިވްސްގައި ފެށި 13 ވަނަ “މޯލްޑިވްސް ފައިނޭންސް ފޯރަމް” ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްވި ޚާއްޞަ ތަޤްރީރުގައެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށްޓަށާއި އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެއް މީޓަރަށްވުރެ ތިރީގައި އުފެދިފައިވާ ރަށްތަކެކެވެ.

މޫސުމީ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަކީ، އާންމު ފަރުދުންގެ އާމްދަނީ ދަށްވެ، ޕެންޝަން ކޮންޓްރިބިއުޝަން މެދުކެނޑުމަށް މަގުފަހިވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން މުޅި މާލީ ނިޒާމަށް ކުރިމަތިވާ ހިރާސްތައް އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން، ޕެންޝަން ފަންޑުގެ ދަށުން މެނޭޖްކުރާ ޖުމްލަ އެސެޓްސްގެ އަގު މިއަހަރު 30 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާކަން ޔަޒްމީދު އުފަލާއެކު ފާހަގަކުރެއްވިއެވެ. ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަންޑުގެ ޖުމްލަ އަގު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204,549 މީހުން ވަނީ ބައިވެރިވެފައެވެ.
“މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަޤްބަލުގައި އަހަރެމެންގެ މެންބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،” ޔަޒްމީދު ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އީ.އެސް.ޖީ (ތިމާވެށި، އިޖުތިމާޢީ އަދި ހިންގުން) މިންގަނޑުތަކަށް ފެތޭ މަޝްރޫޢުތަކާއި ކްލައިމެޓް ފައިނޭންސިންގގެ އައު ފުރުޞަތުތައް ހޯދުމަށް ކަމަށެވެ. ނަމަވެސް، ތިމާވެށްޓާ ރައްޓެހި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަންވާނީ ޕެންޝަން އޮފީހުގެ ފިޑިއުޝަރީ ޒިންމާތަކާއި މާލީ އިންޒިބާތު ހިފެހެއްޓޭނެ ގޮތެއްގެ މަތިންކަން އޭނާ ވަރަށް ބޮޑަށް ބާރުއަޅުއްވައި ވިދާޅުވިއެވެ.
“ގްރީން އިންވެސްޓްމަންޓްގެ މާނައަކީ މާލީ އިންޒިބާތު ދޫކޮށްލުމެއް ނޫން. ކޮންމެ އިންވެސްޓްމަންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ،” ޔަޒްމީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި މާލީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ‘ބްލޫ އިކޮނޮމީ’ގެ ދާއިރާއިން އިންވެސްޓްމަންޓްގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ހަމައެކަނި ސިޔާސަތުތަކެއް އެކުލަވާލުމުން ނުފުދޭނެ ކަމަށާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި އިންވެސްޓް ކުރެވޭ ފެންވަރުގެ ހަރުދަނާ މަޝްރޫޢުތަކާއި، އެކަށީގެންވާ މާލީ އޮނިގަނޑުތަކެއް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ޤައުމީ އިޤްތިޞާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ އަހަރެމެންނަށް ދެވަނަ ފުރުޞަތެއް އޮތް ކަމެއް ނޫން. އެއީ މެންބަރުންގެ މާލީ މުސްތަޤްބަލު ރައްކާތެރިކުރުމަށް ކޮންމެހެން ހާސިލުކުރަންޖެހޭ ޝަރުތެއް،” ޔަޒްމީދު ވިދާޅުވިއެވެ.

ތަޤްރީރު ނިންމަވާލައްވަމުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަށްޓަކައި ސަރުކާރާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކުގެ އިތުރުން އިންވެސްޓަރުންނާއި ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މިއަހަރުގެ ޝިއާރަކީ “ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން” މިއެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ގްރީން ފައިނޭންސް ފުޅާކުރުމަށް ހުރި ހުރަސްތައް ދެނެގަނެ، އެކަންކަމަށް ޢަމަލީ ޙައްލުތަކެއް ހޯދުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.