ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ނުކުތީ 2028 ގެ ކެމްޕެއިން ފެށުމުގެ ގޮތުން: ޝިޔާމް

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ނުކުތީ 2028 ގެ ކެމްޕެއިން ފެށުމުގެ ގޮތުން: ޝިޔާމް

އީގަލް ހިލްސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދިޔަ ހަރަކާތަކީ، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ލޯންޗުކުރުމުގެ ގޮތުން ހިންގި ކަމެއް ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ކަމެއްނަމަ އަބަދުވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި، ނަމަވެސް އިދިކޮޅު ޕާޓީތަކުން ދެއްކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަންކަމެއް ނޫން ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ 5 އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވާ ރައީސްކަން ޔަޤީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ގިނަ ވެރިންނާ ޚިލާފަށް ރައީސް މުޢިއްޒަކީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި އެންމެ ބާރަށް ވަކާލާތުކުރައްވައި، މަޢުނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވާ ރައީސްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން ރައްޔިތުން ކުރެން އަހާނުލައި އަދި މަޖިލީހަށް ވެސް އަންގާނުލައި ކުރައްވައިގެން ތިއްބެވި ބޭފުޅުން މިއަދު ޤައުމާއި ދީނުގެ ވާހަކަ ދެއްކެވި ނަމަވެސް، އެ ބޭފުޅުންގެ ސިޔާސީ ފަތިފުށާއި ނިޔަތް ރައްޔިތުންނަށް ސާފު ކަމަށެވެ.

ދިވެހީންގެ ދީނާއި ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވައި އެ ކަންކަން ދިފާޢުކޮށް ޙިމާޔަތްކުރާނީ މި ސަރުކާރުން ކަމަށް ވިދާޅުވަމުން، ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން ޑޮލަރު ދައްކައި ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށް، ބިލިއަން ޑޮލަރުގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްރޫޢުތައް ކިތަންމެ ބިޔަވެފައި އަގު ބޮޑުވިޔަސް، ދިވެހީންގެ ދީނާއި ސަގާފަތާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް އިޙުތިރާމް ނުކުރާ ބަޔަކަށް އަދި އެފަދަ އިންވެސްޓްމަންޓަކަށް ވެސް މި ސަރުކާރުން މަރުޙަބާ ނުކިޔާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ބޭރު ދުނިޔޭގެ ކުރިމަތީގައި ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން ކަމަށް ތުހުމަތުކުރައްވަމުން، ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަނީ 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އީގަލް ހިލްސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫޢަކީ ދިވެހި ތާރީޚު ދެކޭނެ އެންމެ ބިޔަ މަޝްރޫޢު ކަމަށާއި، އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުވެ، ދިވެހިންގެ ދިރިއުޅުމަށް އުޖާލާކަން ގެނުވާނެ ކަމަށް ވެސް ޝިޔާމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.