ގްރީން ފައިނޭންސަކީ ރާއްޖެއަށް އިޚްތިޔާރެއް ނޫން، މަޖުބޫރު ކަމެއް: މިނިސްޓަރު ޒަރީރު
ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި މާލީ ނިޒާމެއް (ގްރީން ފައިނޭންސް) ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއާއި އިޤްތިޞާދީ ދެމިއޮތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މިއަދު ފެށި 13 ވަނަ “މޯލްޑިވްސް ފައިނޭންސް ފޯރަމް” ޝަރަފުވެރިކޮށްދެއްވައި ދެއްވި ކީނޯޓް ތަޤްރީރުގައެވެ.
ފޯރަމްގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ގްރީން ފައިނޭންސަކީ ހަމައެކަނި އިޚްތިޔާރެއް ނޫން ކަމަށެވެ.
އެގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖޭގެ މާލީ ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ދިގުމުއްދަތުގެ އިޤްތިޞާދީ ވިލުންވެރިކަން ވަރުގަދަވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ބައިނަލްއަޤްވާމީ މާލީ ބާޒާރުތަކުން އައު ފުރުޞަތުތައް ހޯދުމަށްޓަކައި، ސަރުކާރާއި ރެގިއުލޭޓަރުންނާއި މާލީ އިދާރާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރުގެ ތަޤްރީރުގައި އަލިއަޅުއްވާލެއްވިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ 13 ވަނަ “މޯލްޑިވްސް ފައިނޭންސް ފޯރަމް” ގެ ބައިވެރިން ފޯރަމްގެ ތެރެއިން / ފޮޓޯ: ޕެންޝަން އޮފީސް
“ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން” މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މިއަހަރުގެ ފޯރަމްގައި ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ދަނީ ބައިވެރިވަމުންނެވެ.
2012 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދެއެވެ. އެގޮތުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކުގެ އިތުރުން ބައިނަލްއަޤްވާމީ ތަޖުރިބާކާރުން އެއް މަންސައަކުން ބައްދަލުވެ، ދާއިރާގައި ހުރި ގޮންޖެހުންތަކަށް ޢަމަލީ ޙައްލުތަކެއް ހޯދުމަށް މަގުފަހިވެގެންދެއެވެ.
މީގެ އިތުރުން، ޒަމާނީ މާލީ ވަސީލަތްތަކާއި އައު އިންވެސްޓްމަންޓް ފުރުޞަތުތައް ރާއްޖެއަށް ތަޢާރަފުކުރުމަށް ބާރުއެޅި، ބައިނަލްއަޤްވާމީ މާލީ ބާޒާރުތަކާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ، ޤައުމުގެ އިޤްތިޞާދީ ވިލުންވެރިކަން ވަރުގަދަކުރުމާއެކު ދުރު މުސްތަޤްބަލަށް ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.
Ads by MACL
