އިމްރާން ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް، އެކަން ތަހުގީގު ކުރަންޖެހޭ: މެންބަރު އަޒާން
“ދިވެހީންގެ ބިން ދިވެހީންނަށް” މި ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ އެއްވުމަކީ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގެ މަގުސަދުގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ހިންގެވި ސިޔާސީ ސްޓަންޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ޔޫ.އޭ.އީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ދެކޮޅަށް، “ޤައުމީ ހަރަކާތުން” އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ، އެ މަޝްރޫޢުގެ ތެރެއިން އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލްޢައްބާރުގެ އަތްޕުޅުން ސަރުކާރުގެ އިސްވެރިން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވަމުން މެންބަރު އަޒާން ވިދާޅުވީ، އިމްރާން ދައްކަވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ބޭރުގެ އިއްޒަތްތެރިންނާއި ދުނިޔޭގެ ފެންވަރުގެ ނަން މަޝްހޫރު ވިޔަފާރިވެރިން ހާޒިރުވެ ތިއްބެވި މަޖިލީހެއްގައި، އެންމެންގެ ކުރިމަތީގައި ރިޝްވަތުގެ މުއާމަލާތެއް ހިންގި ކަމަށް ބުނުމަކީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫން ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، މީގެ ކުރިންވެސް ސިޔާސީ ޕޯޑިއަމްތަކުގައި އެކި ލިޔެކިޔުންތައް ދައްކަވައި، މަރްޙޫމް ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ހެކި ކަމަށް ވިދާޅުވެ އިމްރާން ރައްޔިތުންނަށް އޮޅުވާލައްވާފައިވާކަން އަޒާން ހަނދާންކޮށްދެއްވިއެވެ. އަދި އޭގެ ފަހުން ވެރިކަން ލިބި، ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ފަސް އަހަރު ހުންނެވިއިރުވެސް އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ދެއްކިފައި ނުވާކަމަށް އަޒާން ވިދާޅުވިއެވެ. އަދި އިމްރާން އަމިއްލަފުޅަށްވެސް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެބަހުރި ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން އެ މައްސަލަތައް ބަލައި އިމްރާންގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ ކަމަށެވެ.
Ads by MACL
