ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ނަމަކަށް ކުރާ ކަމަކަށް ވެގެން ނުވާނެ، ހަގީގީ މަންފާ ލިބެންޖެހޭ: ޕެންޝަން އޮފީހުގެ ސީއީއޯ
ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ނަމެއްގައި ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، އޭގެ ސަބަބުން ތިމާވެށްޓަށް ހަގީގީ މަންފާތަކެއް ކުރާ އަދި މާލީ ގޮތުން ދެކޮޅުޖެހޭ ނަތީޖާތަކެއް ނެރެދޭ ކަންކަމަށް ވާންޖެހޭނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން “ފެހި މާލީ ނިޒާމު: ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން” މި ޝިޢާރުގެ ދަށުން ފެށި 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ސީ.އީ.އޯ ޔަޒްމީދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ 80 އިންސައްތައަކީ ކަނޑުގެ ލޮނުގަނޑަށްވުރެ ވަރަށް ތިރީގައި އުފެދިފައިވާ ރަށްތަކެއްކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މޫސުމީ ގޮންޖެހުންތަކުގެ އަސަރު އާންމު ފަރުދުންގެ އާމްދަނީއަށާއި، ވިޔަފާރިތަކަށް އަދި މުޅި މާލީ ނިޒާމަށް ފޯރާކަން ފާހަގަކުރައްވައި، ފެހި މާލީ ނިޒާމަށް (ގްރީން ފައިނޭންސިންގއަށް) އިސްކަންދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
Ads by BMLޕެންޝަން ފަންޑުގެ މުދަލުގެ އަގު ގާތްގަނޑަކަށް 1.95 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ޔަޒްމީދު ވިދާޅުވީ، މިއަދު ނިންމާ ކޮންމެ ނިންމުމަކީ ފަންޑުގެ މެންބަރުންގެ މުސްތަގުބަލުގެ މާލީ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެތެރޭގެ އިންވެސްޓްމަންޓްތައް ހަރުދަނާކޮށް، ފަންޑުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ތިމާވެށްޓާއި، އިޖުތިމާޢީ އަދި ހިންގުމުގެ އުސޫލުތައް (އީ.އެސް.ޖީ) ހިމެނޭ އިންވެސްޓްމަންޓް ފުރުޞަތުތަކާއި، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ މަޝްރޫޢުތައް އެ އޮފީހުން ދިރާސާކުރަމުންދާ ކަމަށް ޔަޒްމީދު ހާމަކުރެއްވިއެވެ. ނަމަވެސް، ދެފުށް ފެންނަ ހަރުދަނާ މިންގަނޑުތަކެއް ނެތި ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން “ގްރީންވޮޝިންގ” (ތިމާވެށްޓާ ރައްޓެހި ކަމަށް ދައްކައިގެން އޮޅުވާލުމުގެ) ފުރުޞަތުތައް ހުޅުވި، އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ހަމައެކަނި މަޝްވަރާތަކަކުން ނިންމާލުމުގެ ބަދަލުގައި، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ފެހި މާލީ ނިޒާމު ކުރިއެރުވުމަށްޓަކައި އަމަލީ ހައްލުތަކާއި މާލީ ވަސީލަތްތައް ދެނެގަތުން ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ އެޑިޝަންގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ފޯރަމްގެ މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާ ތަރައްގީކުރުމަށްޓަކައި ދިގު މުއްދަތުގެ ދެމެހެއްޓެނިވި ރައުސުލްމާލު ހޯދޭނެ ގޮތްތަކާއި، މޫސުމީ ބަދަލުތަކަށް ވިލުންވެރި އިގްތިސާދެއް ބިނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން ޕެންޝަން އޮފީހުން ބުނީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ފަންޑު 1.97 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މި ސްކީމްގައި 204,549 ބައިވެރިން ރަޖިސްޓްރީވެފައިވާ ކަމަށެވެ.
އަދި މެންބަރުންގެ ރިޓަޔަރމަންޓް ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި ވަރުގަދަ އަދި ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަކީ އެ އޮފީހުގެ މަސްއޫލިއްޔަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވެސް އެ އޮފީހުން ފާހަގަކުރެއެވެ.
Ads by MACL
