މޫސުމީ ނުރައްކާތަކަކީ އިޤްތިޞާދަށް އޮތް ބިރެއް، ފެހި މާލީ ނިޒާމު ފުޅާކުރަންޖެހޭ: މާލީ ވަޒީރު
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އޮތް ސީދާ ބިރެއް ކަމަށާއި، އެހެންކަމުން ފެހި މާލީ ނިޒާމު (ގްރީން ފައިނޭންސިންގ) ގެ ފުރުޞަތުތައް ފުޅާކުރުމަކީ މާލީ ގޮތުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން “ފެހި މާލީ ނިޒާމު: ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން” މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ތަރައްޤީގެ އަމާޒުތަކަށް އަދި ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގެ އިތުރުން ރަށްތައް ރައްކާތެރިކޮށް ބޭއްވުން ބޮޑަށް ބަރޯސާވެފައިވަނީ ކަނޑުފަޅުތަކާއި ޤުދުރަތީ ވެށީގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، މި ވަސީލަތްތައް ހިމާޔަތްކުރުމަކީ އިޤްތިޞާދީ އަދި މާލީ ގޮތުން ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
Ads by BMLކޮޕް31 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ތިން މުހިންމު އިސްކަންދިނުމެއް ކަމަށްވާ؛ މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙުކުރުމުގެ އިތުރުން ޢަމަލީ ގޮތުން ކަންކަން ތަންފީޒުކުރުމަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސްގެ) ޙާލަތަށް ރިޢާޔަތްކޮށް، ފަސޭހައިން ލިބޭނެ އަދި ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ މާލީ އެހީތެރިކަން މުހިންމު ކަމަށެވެ.
މީގެ އިތުރުން، ޢުމްރާނީ ތަރައްޤީއާއި، އިޢާދަކުރަނިވި ހަކަތައާއި، ފެނުގެ ރައްކާތެރިކަމުގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބަޖެޓާއި ބައިނަލްއަޤްވާމީ ހިލޭ އެހީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގެ ރައުސުލްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދަންޖެހޭ ކަމަށް ވިދާޅުވަމުން ވަޒީރު ފާހަގަކުރެއްވީ، ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމާއެކު ދެމެހެއްޓެނިވި އިޤްތިޞާދީ ފައިދާ ލިބޭ އިންވެސްޓްމަންޓްތަކަށް ރައުސުލްމާލު މިސްރާބު ކުރުމުގައި ފެހި މާލީ ނިޒާމުގެ ދައުރު ޚާއްޞަ ގޮތެއްގައި މުހިންމު ކަމަށެވެ.
ދިވެހިރާއްޖެ ފަދަ ކުޑަ އިޤްތިޞާދެއްގައި ބޮޑެތި ބަދަލުތަކެއް ގެނެވޭނީ ހަމައެކަނި ސަރުކާރުގެ ވަސީލަތްތަކުން ނޫން ކަމަށާއި، ބައިނަލްއަޤްވާމީ ރައުސުލްމާލާއި ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ މުހިންމު އިންވެސްޓްމަންޓްތަކުން ލިބޭނެ ފުޅާ އިޤްތިޞާދީ ފައިދާތަކަށް ރަނގަޅަށް ބެލުމެއް ނެތި އެކަންކަމަށް ހުރަސްއެޅުމަކީ އިޤްތިޞާދަށް ގެއްލުންވެދާނެ ކަމެއް ކަމަށް ވިދާޅުވެ، ތިމާވެށި ހިމާޔަތްކުރުން ކަށަވަރުކުރުމާއެކު ދެފަރާތަށްވެސް މަންފާ ލިބޭ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ސަރުކާރުން މަރުޙަބާ ކިޔާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު ނިންމަވާލައްވަމުން ވަޒީރު ވަނީ އައު މާލީ ޕްރޮޑަކްޓްތައް ތަޢާރަފުކުރުމަށް ބޭންކުތަކަށް ގޮވާލައްވައި، ދެކޮޅުޖެހޭ ރަނގަޅު އިންވެސްޓްމަންޓް ޕްރޮޕޯސަލްތައް އެކުލަވާލުމަށް ވިޔަފާރިތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފެހި މާލީ ނިޒާމުގެ ކާމިޔާބީ މިނެކިރަންޖެހޭނީ މޫސުމީ ބަދަލުތަކަށް ވިލުންވެރި މުޖުތަމަޢުތަކަކާއި، ތަރައްޤީވެފައިވާ ޢުމްރާނީ ވަސީލަތްތަކާއި، ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމުގެ އިތުރުން ރައްޔިތުންނަށް ލިބިދޭ މާލީ ރައްކާތެރިކަން އިތުރުވެގެންދާ މިންވަރުން ކަމަށްވެސް ވަޒީރު ޒަރީރު ވިދާޅުވިއެވެ.
Ads by MACL
