ރެކޯޑް އަދަދަކަށް ޕެންޝަން ފަންޑު އުފުލި، 30.6 ބިލިއަން ރުފިޔާއިން މައްޗަށް!
މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ފަންޑުގައި ހުރި ޖުމްލަ ފައިސާގެ އަދަދު 30.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން، ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މިއަދު ފެށި “މޯލްޑިވްސް ފައިނޭންސް ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުން އެ އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވީ، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ގެ ނިޔަލަށް ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ފަންޑުގެ ދަށުން މެނޭޖުކުރާ ޖުމްލަ އެސެޓްސްގެ އަގު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި ޖުމްލަ 204,549 މީހުން ބައިވެރިވެފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތަފްޞީލު ހިއްސާކުރައްވަމުން ސީއީއޯ ޔަޒްމީދު ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ފަންޑުން 16.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.
Ads by BMLޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ވިދާޅުވީ، އެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް (ޑައިވާސިފައިކޮށް)، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވާލުމަށް ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް އިސްކަންދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
“ކޮންމެ އިންވެސްޓްމަންޓަކީ ވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ،” ޔަޒްމީދު ވިދާޅުވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ޕެންޝަން އޮފީހުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ނަފާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ފައިދާ ލިބޭނެ އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަނެ، އެ ދާއިރާތަކަށް އިންވެސްޓްކުރުން ކަމަށެވެ.
Ads by MACL
