އީޖާދީ މާލީ ވަސީލަތްތަކާއެކު، އިންވެސްޓްމެންޓްތައް އިތުރުކުރުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑު: ޔޫއެންޑީޕީ
އީޖާދީ މާލީ ވަސީލަތްތަކާއި ހިރާސް ބެހިގެންދާނެ ނިޒާމުތައް ޤާއިމުކޮށްގެން، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމެންޓްތައް އިތުރުކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް އެބައޮތް ކަމަށް އދ. ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ބުނެފިއެވެ.
ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މިއަދު ފެށި “މޯލްޑިވްސް ފައިނޭންސް ފޯރަމް 2026” ގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން ޔޫއެންޑީޕީގެ އޭޝިއާ އެންޑް ދަ ޕެސިފިކް ސަރަޙައްދުގެ އެސްޑީޖީ ފައިނޭންސްގެ ރީޖަނަލް ލީޑް، މިސްޓަރ ޗާލްސް (ޗޮންގުއާންގް) ޔޫ ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ފައިނޭންސް ހޯދުމުގައި ހުރި ފިލާވަޅުތަކާއި، އޮނިގަނޑުތަކާއި، ވަސީލަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މިއަދު ފެށި “މޯލްޑިވްސް ފައިނޭންސް ފޯރަމް 2026” ގެ ބައިވެރިން — ފޮޓޯ: ޕެންޝަން އޮފީސް.
ބައިނަލްއަޤްވާމީ ތަޖުރިބާތަކުގެ އަލީގައި ހުށަހެޅުއްވި މި ޕްރެޒެންޓޭޝަންގައި އޭނާ ވިދާޅުވީ، އީޖާދީ މާލީ ވަސީލަތްތަކާއި ހިރާސް ބެހިގެންދާނެ ހަރުދަނާ ނިޒާމުތައް މެދުވެރިކޮށް އަމިއްލަ އިންވެސްޓްމެންޓްތައް ޝައުޤުވެރިކުރުވައި، ދެމެހެއްޓެނިވި ތަރައްޤީގެ ޢަމަލީ ނަތީޖާތައް ހާސިލުކުރެވިދާނެ ކަމަށެވެ.
އެގޮތުން، އެކަށީގެންވާ މާލީ އޮނިގަނޑުތަކެއް އެކުލަވާލައި، އިންވެސްޓްކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ މަޝްރޫޢުތައް ކުރިއަށް ނެރެވިއްޖެ ނަމަ، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން އިސްކަންދޭ ކަންކަން މާލީ ގޮތުން ކާމިޔާބު އިންވެސްޓްމެންޓްތަކަކަށް ބަދަލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން އިންތިޒާމުކުރާ މި އަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.
Ads by MACL
