ރާއްޖެއެކޭ އެއްފަދައިން ބެންކޮކްގައިވެސް އީގަލް ހިލްސްގެ 4.5 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެއް!
ދުބާއީގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރު އަދި އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރާ، ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި 160 ބިލިއަން ތައި ބާތު (ގާތްގަނޑަކަށް 4.5 ބިލިއަން އެމެރިކާ ޑޮލަރު) ގެ ބޮޑު މިކްސްޑް-ޔޫސް މަޝްރޫޢެއް ފެށުމަށް ނިންމަވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި އިންވެސްޓްމެންޓްތައް ކުރަމުން އަންނަ އީގަލް ހިލްސްއިން ބެންކޮކްގައި ފަށާ މި މަޝްރޫޢުގެ ދަށުން، ވިޔަފާރިއާއި ދިރިއުޅުމަށް ބޭނުންކުރާނެ ޒަމާނީ ތަފާތު ވަސީލަތްތައް އެކުލެވޭ ބޮޑެތި އިމާރާތްތަކެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ތައިލޭންޑުގެ ރިއަލް އެސްޓޭޓް ދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވާނެ މި ބިޔަ މަޝްރޫޢަކީ، އެ ޤައުމުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އިންވެސްޓްމެންޓެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި މަޝްރޫޢު އިޢުލާންކުރުމާއެކު ތައިލޭންޑްގައި ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރުމާ ގުޅޭގޮތުން އާންމުންނާއި ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި ވަނީ ބަހުސްތަކެއް އުފެދިފައެވެ. އެގޮތުން، ތައިލޭންޑްގައި ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކުކުރުމުގައި އޮންނަ ހަރުކަށި އުޞޫލުތަކުގެ ސަބަބުން މިފަދަ ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްއެޅިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ފާހަގަކުރާއިރު، މި މަޝްރޫޢާއެކު ބޭރުގެ އިންވެސްޓްމެންޓްތަކަށް ތައިލޭންޑުން ހުޅުވާލާފައިވާ މިންވަރާއި ބިން މިލްކުކުރުމުގެ ސިޔާސަތުތަކާ މެދު އަލުން ވިސްނުމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ މަޖުބޫރުވެފައެވެ.
ދިވެހިރާއްޖޭގެ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ހިންގުމަށް އީގަލް ހިލްސްއާއެކު ސޮއިކުރުމާ ގުޅިގެން ރާއްޖޭގައިވެސް އެ ކުންފުނީގެ އިންވެސްޓްމެންޓްތަކާއި ބިން ދޫކުރުމުގެ ސިޔާސަތުތަކާ މެދު ސިޔާސީ ޕާޓީތަކާއި އާންމުންގެ މެދުގައި ދަނީ ތަފާތު ޚިޔާލުތައް ބަދަލުކުރަމުންނެވެ. އެއްބަޔަކު މިއީ ޤައުމުގެ އިޤްތިޞާދު ކުރިއަރުވަން ލިބޭ ބޮޑު ފުރުޞަތެއްގެ ގޮތުގައި ސިފަކުރާއިރު، އަނެއްބަޔަކު ދަނީ ބޭރުގެ ކުންފުނިތަކަށް ބިން ދޫކުރުމުގެ އެއްބަސްވުންތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Ads by MACL
