ރަސްމާލެއާ ދެކޮޅަށް ނުނިކުންނަ ރައްޔިތުންނަށް އަދަބު ދެވޭނެތަ؟ އެހެން ވިދާޅުވެ ޔާމީން ދެއްކެވީ ބިރު!
ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ނުނިކުންނަ އާންމު ރައްޔިތުންނަށްވެސް އިދިކޮޅު ވެރިކަމެއްގައި އަދަބު ދެއްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންނަށް ބިރުދައްކަވައިފިއެވެ.
ރަސްމާލެ މަޝްރޫޢު ޔޫއޭއީގެ މަޝްހޫރު ކުންފުނި، އީގަލް ހިލްސްއާ ހަވާލުކުރުމާ ދެކޮޅަށް “ޤައުމީ ހަރަކާތް” ނަމުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަކީ ޤައުމުގެ އިސްތިޤްލާލު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދިވެހި ފުލުހުންވެސް ޤައުމުގެ ޙިމާޔަތުގައި ނުކުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، މި މަޝްރޫޢާ ދެކޮޅަށް މިހާރު މަސައްކަތް ނުކުރާ ކޮންމެ މީހަކީވެސް އެ ކުށުގައި ބައިވެރިވާ މީހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ބަލިވެ، ދެން އުފެދޭ ސަރުކާރަކުން އެ އެއްބަސްވުން ބާޠިލުކޮށް، އެއްވެސް ބަދަލަކާ ނުލައި އެ ބިން އަނބުރާ ދައުލަތަށް ނަންގަވާނެއެވެ. އަދި މިކަމުގައި ބައިވެރިވާ އެންމެން ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުކޮށް، ޖިނާއީ ތަޙުޤީޤު ހިންގައި އަދަބު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނީ، އެ ތަނުގައި އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިކުރުވައި، އެ ޤައުމުގެ ރައްޔިތުންނަށް ބިން ވިއްކަފާނެ ކަމަށް ބުނެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ސިޔާސީ މަޤްޞަދެއްގައި ފަތުރާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ރަސްމާލެއިން އެއްވެސް ބިމެއް ނުވަތަ ޕްރޮޕަޓީއެއް އިސްރާއީލުގެ ރައްޔިތަކަށް ގަނެ ނުވަތަ ކުއްޔަށްވެސް ނުހޯދޭނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކޮށްފައިވާ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.
Ads by MACL
