ބޮޑު ދަރަންޏެއް އަދާކުރުމަށްފަހުވެސް، އަހަރު ނިމޭއިރު ރިޒާވް 817 މިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް ލަފާކޮށްފި
ބޭރުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށް ރިޒާވުން ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް، ސަރުކާރުން އަޅަމުންދާ މާލީ ހަރުދަނާ ފިޔަވަޅުތަކާއެކު މި އަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް 817.17 މިލިއަން އެމެރިކާ ޑޮލަރަށް އުފުލޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުގެ ނިޔަލަށް ރިޒާވްގައި ހުންނާނެ ކަމަށް ލަފާކުރާ 817.17 މިލިއަން ޑޮލަރަކީ، ނިމިދިޔަ އަހަރުގެ ނިޔަލަށް ރިޒާވްގައި ހުރި 984.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 16.9 އިންސައްތައިގެ ދަށްވުމެކެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން އަސާސީ މުދަލުގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައި، ބޭރުގެ ބޮޑެތި ދަރަނިތަކެއް އަދާކުރުމަށްފަހުވެސް މި އަދަދުގައި ރިޒާވް ހިފެހެއްޓޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
Ads by BMLމި އަހަރުގެ ތެރޭގައި ރިޒާވަށް އައި ބަދަލުތަކަށް ބަލާއިރު، އަހަރު ފެށުމާއެކު ޖެނުއަރީ މަހުގެ ތެރޭގައި ރަސްމީ ރިޒާވް ވަނީ އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އަދި ރިޒާވް ވަރުގަދަކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާރިޗު މަހުގެ ނިޔަލަށް ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިލާފައެވެ.
އެހެންނަމަވެސް، އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ސުކޫކު ދެއްކުމަށް ރިޒާވުން ބައެއް ބޭނުންކުރަން ޖެހުމުން ރިޒާވް ވަނީ ދަށްވެފައެވެ. އެގޮތުން އެ 500 މިލިއަން ޑޮލަރުގެ ތެރެއިން 350 މިލިއަން ޑޮލަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ދައްކާފައިވާއިރު، ބާކީ 150 މިލިއަން ޑޮލަރު ދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުންނެވެ.
ބޭރު ފައިސާގެ ރިޒާވް އަލުން އާރާސްތުކޮށް ހަރުދަނާކުރުމަށް ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިސްލާހެވެ. މި އިސްލާހުގެ ދަށުން، ޝަރުތު ހަމަވާ ވިޔަފާރިތަކަށް ރާއްޖެއިން ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ވަނީ ލާޒިމުކޮށްފައެވެ. އަދި މި އުސޫލުގެ ދަށުން ޖަމާކުރާ ބޭރު ފައިސާގެ ވަކި މިންވަރެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަންޖެހޭއިރު، މަރުކަޒީ ބޭންކުން އެ ފައިސާ ބޭނުންކުރަނީ ޤައުމުގެ ރަސްމީ ރިޒާވް އިތުރުކޮށް ވަރުގަދަކުރުމަށެވެ.
ރަސްމީ ރިޒާވްގެ އިތުރުން، ސީދާ ބޭނުންކުރެވޭ ރިޒާވް ނުވަތަ ‘ޔޫޒަބަލް ރިޒާވް’ އިތުރުކުރުމަކީވެސް މަރުކަޒީ ބޭންކުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި، ބޭނުންކުރެވޭ ރިޒާވް އިތުރުކުރުމަކީ ބޭރު ފައިސާގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.
މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 547.7 މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓު މަހުގެ ނިޔަލަށް ހުރި 643.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 14.9 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު، އޮގަސްޓު މަހުގެ ނިޔަލަށް 200.6 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 15.4 އިންސައްތަ ދަށްވެ، 167.7 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.
ނަމަވެސް، އަހަރުގެ ފަހު ކުއާޓަރުގައި ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީއާއި، މަނިޓަރީ ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ އިތުރުން ބޭރުން ލިބޭނެ ކަމަށް އަންދާޒާކުރާ މާލީ އެހީތެރިކަމާއެކު، ސެޕްޓެމްބަރު މަހު 547.7 މިލިއަން ޑޮލަރުގައި ހުރި ރިޒާވް އަހަރު ނިމޭއިރު 817.17 މިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް ސަރުކާރުގެ ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
Ads by MACL
